އިލާން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ ސްރީ ލަންކާ މޮޅުވެއްޖެ

ފުރަތަމަ ހާފުގައި ކެޕްޓަން މުހައްމަދު އިލާން އިމްރާން ދެ ލަނޑު ޖަހައި ލީޑުގައި އޮއްވާ ފަހު ހާފުގައި ސްރީ ލަންކާއިން ތިން ލަނޑު ޖަހައި، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފެށުން މިރޭ ކާމިޔާބުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އިލާންގެ ދެ ލަނޑަށް ފަހު އުއްމީދާ އެކު ދެވަނަ ހާފުގެ ކުޅުން ރާއްޖެއިން ފެށި ނަމަވެސް ފުރަތަމަކޮޅު، 48 ވަނަ މިނިޓްގައި، ލަންކާގެ މުހައްމަދު ކަތީމު، ޕެނެލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ވައްދާލައިގެން ހިތްވަރު ހޯދި އެވެ.
ރާއްޖެ ލީޑްގައި އޮތުމުން ކުޅުން ލަސްކުރަން ހަދައިގެން ކުޅުމުގެ ވަޒަން ގެއްލިފައި އޮއްވާ ލަންކާއިން އެއްވަރުކުރީ 63 ވަނަ މިނިޓްގައި މުހައްމަދު ހިޖާޒީ، ޕެނެލްޓީ އޭރިޔާގެ ބޭރުން ތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.
މި ފަހުން ގަލޮޅު ދަނޑަށް ވަން އެންމެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ކޮޅަށް ލަންކާއިން ތިން ވަނަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 86 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ހުސެއިން އަބްދުﷲ ކާމިޔާބުކޮށްދިނުމުންނެވެ. ޕެނެލްޓީ ލިބުނީ ހުސްކޮށް ކަތީމްއަށް ލިބުނު ބޯޅަ ރާއްޖޭގެ ކީޕަރު ޒަހުރާން ހުސެއިން ޒިއާދު ކައިރިން ނައްޓާލުމުން ކުރި ފައުލަށެވެ.
މެޗުގެ އިތުރު ވަގުތުގައި އިލާން ހެޓްރިކް ހަދަން ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ހުރަސް ދަނޑި އެވެ. އަހުޒަމް ރަޝީދު ނެގި ރީތި ކޯނަރުގައި، އިސްކޮޅުން ދިގު އިލާން ބޮލުން ޖެހީ ވެސް އެހާމެ ރީތިކޮށެވެ.
އޭގެ ފަހުން ވެސް އެއްވަރުކުރަން ރާއްޖެއަށް ރަނގަޅު ފުރުސަތުތައް ލިބި ބޭނުންނުކުރެވިދިޔަ އެވެ.
މި މެޗުގައި ކުޅުންތެރިންނަށް އަނިޔާވެގެން ވަރަށް ގިނަ ފަހަރު ކުޅުން ހުއްޓާލަން ޖެހުނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލަންކާގެ ކީޕަރު ޝާތިން ޝަހީދަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ގްރޫޕްގެ އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް ވަނީ 2-1 އިން ބޫޓާން ބަލިކޮށްފަ އެވެ.
25 މާޗު: ރާއްޖެ/ބޫޓާން (ރޭގަނޑު 8:30)
27 މާޗު: ރާއްޖެ/ނޭޕާލް (ހަވީރު 3:45)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ