ސާފް 20 އަހަރުން ދަށުގެ މުބާރާތް: ސްރީ ލަންކާ އިން ފަަހަތުން އަރައި ރާއްޖެ އަތުން މޮޅުވެއްޖެ ސާފް 20 އަހަރުން ދަށުގެ މުބާރާތް: ސްރީ ލަންކާ އިން ފަަހަތުން އަރައި ރާއްޖެ އަތުން މޮޅުވެއްޖެ

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކެޕްޓަން، މުހައްމަދު އިލާން އިމްރާން ލަނޑުތަކާ އެކު، ދެ ގޯލުގެ ލީޑެއް ރާއްޖޭން ފުރަތަމަ ހާފުގައި ނަގާފައިވަނިކޮށް، ދެ ވަނަ ހާފުގައި ފަހަތުން އަރައި 3-2 އިން ސްރީ ލަންކާ އިން މޮޅުވެއްޖެ އެވެ.
މިއީ، ސާފްގެ އުމުރުފުރާ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބޫޓާން އަތުން ނޭޕާލް ވަނީ 2-1 އިން މޮޅުވެފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިިގެން ސްރީ ލަންކާ އިން ދިގު ބޯޅަތަކެއް ރާއްޖޭގެ ފަހަތަށް ކުޅެ، އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައިގެން ނުރައްކާ ކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ބޯޅަތަކުގައި ރާއްޖޭގެ ޑިފެންޑަރުންގެ އިތުރުން، ޒަހުރާން ހަސަން ޒިޔާދު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ފަނަރަ ވަރަކަށް މިނިޓަށް ފަހު، ރާއްޖޭން ގޭމްގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދައްކަން ފެށި އެވެ. އެ ގޮތުން، އީތަން އިބްރާހިމް ޒަކީ މަތިން ނަގައިިދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު، އިލާން ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މެޗުގެ 27 ވަނަ މިނިޓްގައި އިލާން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ އަށް ހިފައި ގޯލު ކާމިޔާބުކޮށް ރާއްޖެ އަށް ލީޑުނަގައިދީފަ އެވެ. ރާއްޖޭގެ ހާފުގެ ތެރެއިން، އަހުމަދު މިކްޔާލް މުއީން (މިކީ) ރަނގަޅު ބޯޅައެއް ހޯދައި، އެޓޭކަށް އަރައި، ރަނގަޅު ތަނަށް ހުސްވި އިލާނަށް ޖައްސާލުމާ އެކު، އޭނާ ވަނީ އޭރިއާތެރެއިން ލަންކާގެ ކީޕަރު، ޝާތިން ޝަހީދު ކައިރިން ނައްޓާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ފަހުން، ލަންކާގެ ކީޕަރު، ޝާތިން އާއި ރާއްޖޭގެ ހަސަން ގައިސް މުހައްމަދު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޝާތިން ބޮލަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުކުރަން ޖެހުނެވެ. އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. ޝާތިން އަށް ފަރުވާ ދޭން ދަނޑުމަތީގައި ގިނަ ވަގުތުތަކަކަށް ގަޑި ހުއްޓާލަން ޖެހުމުން، ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނިޓް ދެއްކި އެވެ.
ރާއްޖެ އަށް ލަނޑު ޖަހައިދިނުމަށް ފަހު އިލާން އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ
އިތުރު ވަގުތުގެ ތެރޭގައި، ކޯނަރެއްގައި ލަންކާ އިން އެއްވަަރުކުރުމާ ގާތަށް ޖެހިލި އެވެ. ކޯނަރެއްގައި ލަންކާގެ މުހައްމަދު ކަތީމް ނަގައިދިން ބޯޅައަކުން އެ ޓީމުގެ މުހައްމަދު ޔާސިރު ބޮލުން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ޒަހުރާން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ލަންކާގެ ފަހަތަށް އައި ބޯޅައެއް ބަދަލު ކީޕަރަކަށް އެރި، ނަދާލް ސެނަޕްލާ ފޮނުވާލަން އުޅުމުގެ ތެރޭގައި ފައިދަށުން ދިޔަ ވަގުތު، ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިގެން އިލާން ވަނީ ރާއްޖޭގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 46 ސިކުންތު ތެރޭގައި ލަންކާ އިން ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. އެ ގޮތުން، އޭރިއާބޭރުން އެ ޓީމުގެ ކަތީމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަހުރާން އަތުގައި ޖެހިފަ އެވެ. އަދި، އެ ފޯމުގައި ކުރިއަށް ޖެހިގެން ކުޅެ، ލަންކާ އިން ވަނީ 62 ވަނަ މިނިޓްގައި، ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ޖެހީ އޭރިއާބޭރުން ތިރިތިރިން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ކުރަމުންދިޔައިރު، މެޗުގެ 80 ވަނަ މިނިޓްގައި ކޯނަަރަކުން ރާއްޖޭގެ އަހުޒަމް ރަޝީދު (އަހު) ކޯނަރަކުން ނަގައިދިން ބޯޅަ ލަންކާ ކުޅުންތެރިއަކު ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލަންކާ އިން ނަތީޖާ އަނބުރާލީ 88 ވަނަ މިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، ރާއްޖޭގެ ކީޕަރު ޒަހުރާން އޭރިއާތެރެއިން ލަންކާގެ ކަތީމް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން ހުސެއިން އަބްދުﷲ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން، ތިން ވަަނަ މިނިޓްގައި އީތަން ނެގި ހުރަހަކުން އޭރިއާތެރެއިން އިލާން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މާދަމާ ހަވީރު އޮތީ ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗެވެ. އަދި، ގްރޫޕް އޭގެ ދެ ވަނަ މެޗުތައް އޮތީ ބުދަ ދުވަހު އެވެ. ނޭޕާލުން ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ހަވީރު ސްރީ ލަންކާއާ ބައްދަލުކުރާއިރު، ބޫޓާނުން ދެ ވަނަ މެޗުގައި ބުދަ ދުވަހުގެރޭ ރާއްޖެއާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ