ފަހަތުން އަރާ ރާއްޖެ ބަލިކޮށް ލަންކާއަށް އުނދަގޫ މޮޅެއް

ރާއްޖޭގައި މިއަދު ފެށި ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރާ ރާއްޖެ ބަލިކޮށް ލަންކާއިން ފެށުން ރަނގަޅުކޮށްފިއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ފެނުނީ ލަންކާއިން ޕްރެސިން ގޭމެއް ކުޅެ، ރާއްޖެ ޕްރެޝަރަށް ދުއްވާލަން މަސައްކަތްކުރި ތަނެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސްލައިނުން ވަނީ ލިބޭ ބޯޅަތަކުގައި ވަރަށް ހުށިޔާރުވެ، ލަންކާގެ ހަމަލާތައް ހުއްޓުވާފައެވެ. ލަންކާގެ ހަމަލާތައް ހުއްޓުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ވަނީ ހާފުގެ މެދަކާ ހިސާބުން ފޯވާޑް ލައިނަށް ބޯޅަ ފޮނުވާ، ލަންކާއަށް ބާރުބޮޑުކޮށްފައެވެ. އޭގެ ފުރިހަމަ ފައިދާ ނެގީ ރާއްޖޭގެ ކެޕްޓަން އަދި އުންމީދީ ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. ލަންކާ ކޮޅަށް ލަނޑު ޖަހައިދިނުމަށްފަހު ރާޢްޖޭގެ ކެޕްޓަން އިލާންއާއި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު މެޗުގެ 28 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިން ލަނޑު އިލާން ކާމިޔާބުކޮށްފައިވަނީ ލަންކާގެ ކީޕަރު ކައިރިން ކަޓުވާލައިގެންނެވެ. ރާއްޖޭގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ އިލާންއެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އިލާން މި ލަނޑު ކާމިޔާބުކުރީ ލަންކާގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ލަންކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ލަންކާއިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މުހައްމަދު ކަތީމް ކާމިޔާބުކުރި ލަނޑެކެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ރާއްޖޭގެ ކީޕަރު ޒަހްރާާން ހަސަން ޒިޔާދު އަތުގަ ޖެހިފައެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ލަންކާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ޑިފެންސްލައިނުގައި ހަރަކާތްތެރިވި ކުޅުންތެރިން ކަޓުވާލުމަށްފަހު ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއަކުން އަޙްމަދު ހިޖާޒީ ކާމިޔާބުކުރި ލަނޑެކެވެ. ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި އިލާންއަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް އީތަން ނަގައިދިން ބޯޅަ އިލާން ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ހުރަސް ދަަނޑިއަށެވެ. އޭގެފަހުންވެސް ރާއްޖެއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ