”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން ބިން ލިބިއްޖެ ނަމަ، ދައުލަތަށް ބިން ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އުސޫލަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ އުސޫލުގައި މިހާރު އޮންނަ ގޮތުން، 400 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ފަރާތްތަކަށް ސްކީމުގެ ދަށުން ބިމެއް ނުވަތަ ފުލެޓެއް ލިބިއްޖެ ނަމަ، އެ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށެވެ. އަދި ފުލެޓެއް އޮތް ނަމަ، އެ ފުލެޓެއް ވެސް ދޫކޮށްލަން ޖެހެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އުސޫލު ބަދަލުކޮށް، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ މެންބަރަކަށް ދޫކޮށްލެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ލިބިފައިވާ ބިން، އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ދޫކޮށްލެވިދާނެ ކަމަށެވެ.
އެ ބަދަލު ގެންނަން ނިންމެވީ، ބިންތަކުގައި އާންމު ރައްޔިތުން ވަރަށް ބޮޑު ހަރަދުކޮށްގެން އިމާރާތްކޮށްފައިވުމާއެކު އެތަންތަން ދައުލަތަށް ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވާތީ ކަމަށާއި އެ ބަދަލުތައް ހައުސިން މިނިސްޓްރީން މާދަމާ އިއުލާންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ނިންމާފައިވީ ނަމަވެސް، ފުލެޓެއް ލިބިފައިވާ މީހެއް ނަމަ، އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން، ޖޮއިންޓް އެޕްލިކޭޝަން މެދުވެރިކޮށް ގޯތި ލިބިފައިވާ ފަރާތްތަކުން މުޅި ގޯތި އެއްކޮށް ދޫކޮށްލާ ހާލަތްތަކުގައާއި، ”ލާ ޖައްސާ“ އުސޫލުން ބިން ދޫކޮށްލާ ކެޓެގަރީތަކުގައިވެސް ބިން ދޫކޮށްލަން ޖެހޭނީ ސަރުކާރަށެވެ.
ބޯހިޔާވަހިކަން ހޯދުމަށް ދޫކޮށްލަންޖެހޭ ބިންތައް އާއިލާއަށް ދެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ