ރައީސްއާ ބައްދަލުނުކުރައްވާ އެމެރިކާގެ މަންދޫބު ފުރާވަޑައިގެންފި

އިއްޔެ ރާއްޖެ ވަޑައިގެންނެވި އެމެރިކާ ސަރުކާރުގެ މަންދޫބު ސާޖިއޯ ގޯރް ރާއްޖެއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިރޭ ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މި ދަތުރުގައި އޭނާ މިއަދު ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ބައްދަލުކުރައްވައިފަ އެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާ ސަފީރު އެ މަނިކުފާނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައި އެބައޮތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސާޖިއޯ ފުރާވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވި ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ރައީސް އޮފީހުން ވެސް އެފަދަ ބައްދަލުވުމެއް ބޭއްވިކަމުގެ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
އެމެރިކާ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ސައުތު އެންޑް ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ އެންވޯއީ ސާޖިއޯ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރު ހަލީލް އަދި ޑިފެންސް މިނިސްޓަރު ގައްސާންއާ އެކު ބޭއްވެވި ބައްދަލުުވުންތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ސަރަހައްދީ އެކި ކަންތަކާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށެވެ.
"މިއީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް 60 އަހަރު ފުރޭ އަހަރު. ސްޓްރެޓެޖިކް ގޮތުން މުހިންމު ދާއިރާތައް ދެނެގަނެ، އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުން މުހިއްމު،" ސާޖިއޯ ވިދާޅުވި އެވެ.
އެނގުން މުހިއްމު - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމެރިކާ ސަރުކާރުގެ މަންދޫބާ އެކު މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ވެސް ނޯންނާނެ ކަމަށެވެ. އެމެރިކާ މަންދޫބު ދައްކަވާ ވާހަކަ ވެސް ސާފު ވާނީ އެ ބޭފުޅާއާ ބައްދަލުކުރެއްވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމެރިކާގެ ވެރިޔަކު ނޫނިއްޔާ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެމެރިކާ ސަރުކާރުން އެދިވަޑައިގެންފި ކަމަށްވާ ނަމަ، އެ ފުރުސަތު ރާއްޖެއިން ނުދިނުމަކީ ވަރަށް އައިބު ކަމަކަށް ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ. 
"އަޅުގަނޑު ބޭނުންވަނީ ކޮބައިތޯ ބަލަން ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ." 
ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅޭ އެއްވެސް ކަމަކަށް ރާއްޖޭގެ އެއްވެސް ތަނެއް ދޫނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ