މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ލިއޯ ސްޓޯރސް

އަންނަ ފެބްރުވަރީ މަހުގެ ކުރީކޮޅު ބާއްވާ ރާއްޖޭގެ ކަނޑުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް މެރީން އެކްސްޕޯ 2026ގެ ކޯ ސްޕޮންސާގެ ގޮތުގައި ލިއޯ ސްޓޯރސް އެންޑް ސަޕްލައިސްއިން ބައިވެރިވެއްޖެއެވެ. ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މެރިން އެކްސްޕޯއެވެ. މި ގޮތުން، މި ފަހަރު އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ސްޕޮންސަރުންނާ އެކު ކަނޑު އަޑީގައި ބޭއްވި ސޮއިކުރުމުގެ ހަފުލާއެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މޫދު ބުޅާ ޑައިވް ސެންޓަރާއި ރެއިޑް ޑައިވިންގެ އެހީގައެވެ. މި އެކްސްޕޯ އިންތިޒާމު ކުރާ މީޑިއަމް އިވެންޓްސްއިން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ފަހަރުގެ އެކްސްޕޯގައި ބޯޓު ބިލްޑަރުންނާއި، ތަފާތު އިންޖީން ބްރޭންޑުތަކާއި، އިންޓަނޭޝަނަލް މެރިން ބްރޭންޑުތަކުގެ އިތުރުން، ޑައިވް ބްރޭންޑުތައް ވެސް ފެންނާނެ ކަމަށެވެ އަދި، މި އަހަރުގެ އެކްސްޕޯގައި ކުރިއަށްދާއިރު އާ ޕްރޮޑަކްޓުތައް އިފުތިހާކުރުމާއި ،ޕޮރޮޑަކްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ދިނުމާއި އަދި މީގެ އިތުރުން މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ އެކްސްޕޯގައި ޑައިވަރުންނަށާއި، ލައިސަންސް އޮތް ކެޕްޓަނުންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އާ ޑައިވަރުންނަށާއި މިހާރުވެސް ޑައިވްކުރާ މީހުންނަށާއި ޑައިވިންއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު ހެނދުނު ޑައިވްކުރުމުގެ ހަރަކާތެއް އޮންނާނެއެވެ. އަދި، ލައިސަންސް އޮތް ކެޕްޓަނުންނަށް ފެބްރުވަރީ ހަވަނަ ދުވަހުގެ ރޭ އަލަށް ތައާރަފުކުރާ ޕްރޮޑަކްޓްތައް އެގްޒިބިޓަރުންނާ އެކު ދައްކާލުން ވެސް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ