ކާނާ ރައްކާތެރިކޮށްދޭ މާއްދާތަކުން ކެންސަރާއި ހަކުރު ބަލި ކާނާ ރައްކާތެރިކޮށްދޭ މާއްދާތަކުން ކެންސަރާއި ހަކުރު ބަލި

ކާބޯތަކެތި ގިނަ ދުވަހަށް ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ބޭނުންކުރާ ތަފާތު މާއްދާތަކަކީ އަހަރެމެންގެ ސިއްހަތަށް ކިހާ ގެއްލުމެއް ދޭ އެއްޗެއްކަން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޕެކެޓްގަޔާއި ފުޅި އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ކައިބޮއެ ހެދުމަކީ ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟
ނޭޗާ ކޮމިޔުނިކޭޝަންސް ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ދިގު މުއްދަތަށް ކާބޯތަކެތި ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ މާއްދާތަކުގެ (ޕްރިޒަވޭޓިވްސް) ތެރެއިން، ޓައިޕް 2ގެ ހަކުރު ބަލި ޖެހުމަށް ވަރަށް ބޮޑަށް މަގު ފަހިކުރާ، 12 މާއްދާއެއް ވަނީ ފާހަގަކުރެވިފައެވެ.
ހަމަ އެ ދިރާސާ ޓީމުން ހެދި އެހެން ދިރާސާއަކުން ފާހަގަކުރެވިފައިވާ ގޮތުގައި ކާނާ ރައްކާތެރިކޮށް ބަހައްޓައިދޭ މާއްދާތައް، ކާނާއާ އެކުގައި މާ ގިނައިން ހަށިގަނޑަށް ވާސިލުވުމަކީ، ބައެއް ބާވަތުގެ ކެންސަރު ޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އަދި އާންމު ގޮތެއްގައި ހުރިހާ ބާވަތެއްގެ ކެންސަރު ޖެހުމަށް މަގު ފަހިކޮށްދޭ ކަމެއްމެއެވެ. އެހެންކަމުން، ސިއްހީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ މީހުން، ދަޅާއި ޕެކެޓް އަދި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ބޭނުން ނުކުރުމަށް ސައެންސްވެރިން އިރުޝާދު ދެއްވައެވެ.
މީގެ ތެރެއިން ފުރަތަމަ ދިރާސާގައި ސައެންސްވެރިން ބެލީ، ކާބޯތަކެތި ރައްކާތެރިކަމާ އެކުގައި ބެހެއްޓުމަށް ބޭނުންކުރާ މާއްދާތަކާއި، ޓައިޕް 2ގެ ހަކުރު ބައްޔާ ދެމެދުގައިވާ ގުޅުމަކީ ކޮބައިތޯއެވެ. މި ދިރާސާގައި 108723 މީހުން ބައިވެރިކުރި އިރު، ހަކުރު ބަލި ޖެހިފައިވާ ކަން ކަށަވަރުވެފައިވާ އެއްވެސް މީހަކު ނުހިމަނައެވެ. މި ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 43 އަހަރެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުންގެ ކެއުމަށް ބޭނުންކުރި ތަކެތީގެ ތެރޭގައި، ދިގު މުއްދަތަށް ރައްކާކޮށްފައި ބެހެއްޓޭ ގޮތަށް ދަޅާއި ފުޅި އަދި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ. އެ ތަކެތީގައި، ދިގު މުއްދަތަށް ކާނާ ބެހެއްޓުމަށް ބޭނުންކުރާ 57 މާއްދާއެއް ހިމެނޭކަން ފާހަގަކުރެވެއެވެ. އެ 57 މާއްދާގެ ތެރެއިން ވެސް އެންމެ ގިނައިން ބޭނުންކޮށްފައި ހުރި 17 މާއްދާއެއް ވަކިން ދިރާސާކުރިއެވެ.
ސައެންސްވެރިން ބުނި ގޮތުގައި މި ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުންކުރި ކާބޯތަކެތީގައި ހިމެނޭ، ދިގު މުއްދަތަށް ކާނާ ރައްކާތެރިކޮށްދޭ މާއްދާއަކީ ސިޓްރިކް އެސިޑް އެވެ. އެންމެ ގިނައިން ބޭނުންކޮށްފައި ހުރި އެފަދަ މާއްދާތަކުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބަޔަކީ އަލްޓްރާ ޕްރޮސެސްޑް ފުޑްސް ކިޔާ ބާވަތުގެ ތައްޔާރީ ކާނާގެ ބާވަތްތަކުގައި ބޭނުންކޮށްފައި ހުންނަ މާއްދާތަކެވެ.
އަލްޓްރާ ޕްރޮސެސްޑް ފުޑްސްގެ ގޮތުގައި ބަލަނީ ގުދުރަތީ މާއްދާތަކާއި މަސްނޫއީ މާއްދާތައް އެއްކޮށްގެން އުފައްދާފައި ހުންނަ ކާބޯތަކެއްޗަށެވެ. އޭގެ ތެރޭގައި ތައްޔާރީ ބުއިންތަކާއި ޗިޕްސް، މެޓާ، ޕާން، ހޮޓް ޑޯގް، އިންސްޓެންޓް ނޫޑްލްސްގެ އިތުރުން ގަނޑުކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެސް އެތައް ބާވަތެއް ހިމެނެއެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުން ކެއުމަށް ބޭނުންކުރި ތަކެތިން ހަށިގަނޑަށް ކުރި އަސަރުތައް ދެނެގަތުމަށް ބޭނުންކުރީ ދިރާސާގެ 14 އަހަރުގެ ތެރޭގައި އެމީހުންގެ ހަށިގަނޑަށް އައި ބަދަލުތަކެވެ. ދިރާސާ ފެށުމުގެ ކުރިން ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންގެ ތެރެއިން 1131 މީހެއްގެ ހަށިގަނޑުން 14 އަހަރުގެ ތެރޭގައި ޓައިޕް 2ގެ ހަކުރި ބަލީގެ އަސަރުތައް ފެނުނެވެ. އޭގެ ތެރެއިން ވެސް ގިނަ މީހުންނަކީ، އަލްޓްރާ ޕްރޮސެސްޑް ފުޑްގެ ބާވަތްތައް ބޭނުންކުރި މީހުންނެވެ.
ގިނަ ދުވަހަށް ރައްކާތެރިކޮށްދޭ މާއްދާތައް ބޭނުންކުރުމުން ހަކުރު ބައްޔަށް މަގު ފަހިވާ ފަދައިން ބައެއް ބާވަތުގެ ކެންސަރަށް ވެސް މަގު ފަހިވާކަން ދިރާސާއިން ކަށަވަރު ކުރެވުނެވެ. އެމާއްދާތަކުން އެންމެ ބޮޑަށް މަގު ފަހިވަނީ އުރަމަތީ ކެންސަރަށާއި ޕްރޮސްޓޭޓް ކެންސަރަށެވެ.
މި ދިރާސާގައި ހޭދަވި 14 އަހަރުގެ ތެރޭގައި، 4226 މީހެއްގެ ހަށިގަނޑުން މުޅިން އަލަށް ކެންސަރު ފެނުނެވެ. އޭގެ ތެރެއިން 1208 މީހުންނަކީ އުރަމަތީ ކެންސަރު ޖެހުނު މީހުންނެވެ. މި ހަގީގަތްތައް ހާމަވި ނަމަވެސް، ދިގު މުއްދަތަކަށް ކާނާ ރައްކާތެރިކޮށްދޭ މާއްދާތަކާއި ކެންސަރާ ހުރި ސީދާ ގުޅުމަކީ ކޮބައިކަން މި ދިރާސާގައި ފާހަގަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، އުރަމަތީ ކެންސަރު ޖެހުނު ގިނަ މީހުން ބޭނުންކުރި ކާބޯތަކެތީގައި އެންމެ ގިނައިން އެކުލެވޭ އެފަދަ މާއްދާއަކީ ޕޮޓޭސިއަމް ސޯބޭޓް ކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ސަލްފާ އެކުލެވޭ މާއްދާތައް ހުރި ކާބޯތަކެތި ކޭ މީހުންނަށް ވެސް ކެންސަރުގެ އަސަރު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ