ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަ ހެކަތޯން އެކެވެ.
ކޯ-ޕާޓްނަރެއްގެ ގޮތުގައި ސިނެޓެކްސް ހަރަކާތްތެރިވާ 'ޖެންއޭއައި ހެކް 2026' ބާއްވަނީ:
އަންނަ މަހު 6 އިން 8އަށް
މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު 3 އިން 5 މެމްބަރުންގެ ޓީމްތަކަށް ވަނީ ހުޅުވާލާފައި؛ މި ފުރުސަތު އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބޭނެ
ރަޖިސްޓަރީކުރުމަށް
ތަފްސީލް - މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއްތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ އެވެ.
މީގެ އިތުރުން، ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފްކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީ އާއި އެއްބާރުލުން ލިބޭނެ އެވެ.
އެހެން ހެކަތޯންތަކާ ހިލާފަށް، ޖެންއޭއައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެވެ. އެގޮތުން:
މި ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށް މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެއް
'ނޯ ޝިޕިން، ނޯ ޕިޗިން' ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަންޖެހޭނެ
ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކަށް
ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ޖެނެރޭޓިވް އޭއައި ހަލުއިކަމާ އެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާ ވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
"މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި ތަކެތި އުފެއްދުމަށާއި އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑަރު ހުސައިން ޖިނާން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ވެސް އާ ވިޔަފާރިވެރިން އަންނަނީ އޭއައި ބޭނުންކޮށްގެން ހުނަރުގެ ފަރަގު ކުޑަކޮށް، އޭއައިގެ އެހީގައި ހަލުއިކަމާ އެކު ޕްރޮޑަކްޓްތައް އުފައްދަމުންނެވެ.
"އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެންއޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި، އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން،" އޭނާ ވިދާޅުވި އެވެ.
ދިރާގާއި ސްޕާކްހަބުން ރާއްޖޭގެ ފުރަތަމަ އޭއައި ހެކަތޯން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ