އޯޕަން އޭއައިއާއި މައިކްރޯސޮފްޓު އަތުން 134 ބިލިއަން ޑޮލަރު ހޯދަން އީލޮން މަސްކް ކޯޓަށް
ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ އީލޮން މަސްކް، އާޓިފިޝަލް އިންޓެލިޖެންސްގެ މަސައްކަތްކުރާ އޯޕަން އޭއައިއާއި މައިކްރޯސޮފްޓްގެ އަތުން 134 ބިލިއަން ޑޮލަރު ހޯދަން ކޯޓުގައި އެދިއްޖެއެވެ. ހުކުރު ދުވަހު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި މަސްކް ބުނެފައިވަނީ، އޯޕަން އޭއައި އުފެއްދުމުގެ ކުރީކޮޅު އޭނާ ވީ އެހީތެރިކަމުގެ ބަދަލުގައި އެ ކުންފުނިތަކަށް ލިބުނު "ނާޖާއިޒު ފައިދާ" އޭނާއަށް ހައްގުވާ ކަމަށެވެ. މަސްކްގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ އެހީތެރިކަމާ އެކު އޯޕަން އޭއައިއަށް 65.5 ބިލިއަނާއި 109.4 ބިލިއަން ޑޮލަރާ ދެމެދުގެ ފައިދާއެއް ލިބިފައިވާއިރު، މައިކްރޯސޮފްޓަށް 13.3 ބިލިއަނާއި 25.1 ބިލިއަން ޑޮލަރާ ދެމެދުގެ ފައިދާއެއް ލިބިފައިވެއެވެ. މަސްކްގެ ވަކީލު ސްޓީވަން މޯލޯ ވިދާޅުވީ، އީލޮން މަސްކް ނެތް ނަމަ އޯޕަން އޭއައިއެއް ނޯންނާނެ ކަމަށެވެ. "އޭނާ ވަނީ ކުންފުނި އުފެއްދުމަށް ބޭނުންވި ފައިސާގެ ބޮޑުބައި ދީ، އޭނާގެ ނަމާއި އަބުރު ބޭނުންކޮށް، ވިޔަފާރި ކުރިއަރުވާނެ ގޮތް އެ މީހުންނަށް ދަސްކޮށްދީފައި،" ވަކީލު ވިދާޅުވިއެވެ. https://sun.mv/216659 މަސްކް ބުނާ ގޮތުގައި 2015 ވަނަ އަހަރު އޯޕަން އޭއައި އުފެއްދިއިރު، އެ ކުންފުންޏަށް ބޭނުންވި ކުރީކޮޅުގެ ފައިސާގެ 60 އިންސައްތަ (ގާތްގަނޑަކަށް 38 މިލިއަން ޑޮލަރު) ދިނީ އޭނާއެވެ. އަދި، މޮޅު މުވައްޒަފުން ހޯދުމާއި ކުންފުންޏަށް އިތުބާރު ހޯދައިދިނުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރިއެވެ. މި ދައުވާއާ ގުޅިގެން އޯޕަން އޭއައިއިން ބުނީ، މިއީ އެއްވެސް އަސާސެއް ނެތް، އަދި މަސްކް އެ ކުންފުންޏަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ "ސީރިއަސް ނޫން" ދައުވާއެއް ކަމަށެވެ. މައިކްރޯސޮފްޓުން ވެސް ވަނީ މަސްކް ހުށަހަޅާފައިވާ ހިސާބުތަކަކީ ހަގީގަތާ ޚިލާފު، އަދި އޮޅުވާލުމެއް ކަމަށް ބުނެފައެވެ. ކުރިން 2018 ވަނަ އަހަރު އޯޕަން އޭއައިއިން ވަކިވި މަސްކް މިހާރު ހިންގަނީ އެ ކުންފުންޏާ ވާދަވެރި 'އެކްސް އޭއައި'އެވެ. އޭނާ ކުރާ މައިގަނޑު ތުހުމަތަކީ ފައިދާ ނުލިބޭ ގޮތަށް އިންސާނިއްޔަތަށް ޚިދުމަތްކުރަން އުފެއްދި އޯޕަން އޭއައިއިން އެ މަގުސަދު ދޫކޮށް، މައިކްރޯސޮފްޓާ ގުޅިގެން ބޮޑު ފައިދާ ހޯދާ ކުންފުންޏަކަށް ބަދަލުވުމެވެ. ކެލިފޯނިއާގެ އޯކްލޭންޑް ކޯޓުން ނިންމާފައިވަނީ މި މައްސަލައިގެ ޝަރީއަތް އަންނަ އޭޕްރިލް މަހު ފެށުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ