އަހަރުގެ މިހާތަނަށް ރާއްޖެއަށް 120،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120،680 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 109،501 ފަތުރުވެރިންނާ އަޅާ ބަލާއިރު %10.2 އިތުރު އަދަދެކެވެ.
އެއްދުވަހެއްގެތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،099 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 17 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ވަނީ 19،171 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރަޝިއާއާއި ޖެހިގެން އެންމެ ގިނައިން ފަރުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެއީ 13،601 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން އަދި މިއަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރާނެއެވެ.
އަހަރުގެ މިހާތަނަށް 120 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ