ޑިމޮކްރެޓްސްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި ޑިމޮކްރެޓްސްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އެ ޕާޓީގެ އިންޓެރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް، ކަން ކުރަންވީ ގޮތް ވެސް ތަފުސީލުކޮށް އެ އިއުލާނުގައި ކިޔައިދީފައިވެ އެވެ.
އޭޕްރިލް 4، ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އިއްޔެ އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:30 ގަ އެވެ.
އެހެން އަހަރުތަކާ މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފައިވާއިރު، އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ބޭފުޅުންހެން، މިދިޔަ އަހަރު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ