20 ދުވަހުން ދިއްދޫ ބިމުގެ 41 ހެކްޓަރު ހިއްކައިފި
ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ. ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެމްއޭސީއެލުން 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެއެވެ. އެ މަސައްކަތް އެމްއޭސީއެލުން ފެށީ މިމަހުގެ ފަސްވަނަ ދުވަހުގެ ފަތިހެވެ. https://sun.mv/216292 މީޑިއާއާ މިއަދު ހިއްސާކުރި މައުލޫމާތުގައި އެމްއޭސީއެލުން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި، 36.6 ޕަސެންޓުގެ މަސައްކަތް މިހާތަނަށް ނިންމާފައިވާ ކަމަށެވެ. އެމްއޭސީއެލުން ބުނީ، ދިއްދޫގެ ބިން ހިއްކަނީ ލަގްޒަމްބާގަށް ނިސްބަތްވާ ލީފް އެރިކްސަން ނަމަކަށް ކިޔާ ކޮންނަ ބޯޓު، ނުވަތަ ޑްރެޖަރު ކަމަށެވެ. އެކާޅީސް މީޓަރު ފުޅާ، 223 މީޓަރު ދިގު މި ޑްރެޖަރުން ދުވާލަކު 46،000 ކޮޑިމީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން އެބަހުރި ކަމަށް، އެމްއޭސީއެލުން ބުންޏެވެ. ދިއްދޫގައި ހިއްކާ ބިން: އެމްއޭސީއެލުން ބުނަނީ 36.6 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް -- ފޮޓޯ: އެމްއޭސީއެލް މި މަޝްރޫއާ ގުޅޭ ގޮތުން ދިއްދޫގެ ކައުންސިލަރު ޢަބްދުالله ވަޙީދު މީގެ ކުރިން ވިދާޅުވީ، އެންމެ އަވަސްވެގެން އެ ރަށުގެ ހުޅަނގުފަރާތު ފަޅު ތިން މަހުގެ ތެރޭ ހިއްކައި ނިމޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ހއ. ދިއްދޫގައި -- ފޮޓޯ/ ރައީސް އޮފީސް ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 19، 2024ގައެވެ. ދިއްދޫގައި އެއާޕޯޓެއް އަޅާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްދުއަށް ލޯންޗެއްގައި ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ. އަދި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ލޯންޗެއްގައި ދިއްދުއަށް ދާން ވެސް ހޭދަ ވާނީ ވިއްސަކަށް މިނެޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ