ހއ.ދިއްދޫ ބިންހިއްކުން ބާރަށް ކުރިއަށް: 19 ދުވަހުން 41 ހެކްޓަރު ހިއްކައިފި

ހއ ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 41 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން އެ މަޝްރޫޢު ހިންގާ، އެމްއޭސީއެލުން ބުނީ ދިއްދޫ ފަޅުން ހިއްކަންޖެހޭ ސަރަހައްދުގެ 36.61 އިންސައްތަ ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ 41 ހެކްޓަރުގެ ސަރަހައްދެކެވެ.
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 
އެމްއޭސީއެލުން ބުނީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. 
ދިއްދޫ ހިއްކުމަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ވަނީ އެރަށަށް ގެނެސްފަ އެވެ. މިއީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރެވޭ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މި ޑްރެޖަރު ގެނެސްގެން އެރަށުގެ ބިން ހިއްކަން ފަށާފައިވަނީ، މިހިނގާ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 
ދިއްދޫގެ ބިން އިތުރަށް ހިއްކަން ފަށާފައިމިވަނީ އެރަށުގައި އެއާޕޯޓެއް އެޅުމަށެވެ. ދިއްދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ މަތިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫޢުގައި ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށުން ޖުމުލަ 110 ހެކްޓަރުގެ ބިން ހިއްކާ، އެ ބިިން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި އެއާޕޯޓް އެޅުމަށް ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ