މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފި

ކުރިއަށްއޮތް ރޯދަމަހު ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ފަށައިފިއެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސް ދަޅު ކޭސް ދޫކުރާނީ ޓޯކަން ނަމްބަރުތަކަށް ކަމަށާއި، ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށެވެ. އަދި މިހާތަނަށް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުންކަމަށެވެ. އެގޮތުން މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވާނެކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށާފައިވާއިރު ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށް މަސް ދަޅު ކޭސް ދޫކުރުން ކުރިއަށްދާނެކަމަށް ލޯކަލް ގަވަމަންޓު މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ