ގްރޮކް އޭއައިއިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން މިލިއަން ބަދުއަޚުލާގީ ފޮޓޯ އުފެއްދި: ދިރާސާ
އީލޮން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕް 'އެކްސްއޭއައި' (އެކްސްއޭއައި) އިން ތައާރަފުކުރި "ގްރޮކް" ޗެޓްބޮޓް ބޭނުންކޮށްގެން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ބަދުއަޚުލާގީ ފޮޓޯ އުފައްދާފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާ އާންމުކޮށްފައި ވަނީ އޮންލައިންކޮށް ފަތުރާ ނުރައްކާތެރި މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ސެންޓާ ފޯ ކައުންޓަރިން ޑިޖިޓަލް ހޭޓް" (ސީސީޑީއެޗް) އިންނެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ގްރޮކް އަށް އަލަށް އިތުރުކުރި ފޮޓޯ އެޑިޓްކުރުމުގެ ފީޗާ ބޭނުންކޮށްގެން އެންމެ 11 ދުވަހުގެ ތެރޭގައި 3 މިލިއަން ފޮޓޯ އުފައްދާފައިވެއެވެ. މިއީ ކޮންމެ މިނެޓަކު އެވްރެޖްކޮށް 190 ފޮޓޯއެވެ. https://sun.mv/216530 މި ފޮޓޯތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް އުފައްދާފައިވާ 23,000 އެއްހާ ބަދުއަހުލާގީ މަންޒަރު ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ގްރޮކްގެ މި ފީޗާ މެދުވެރިކޮށް، އާދައިގެ ލިޔުންކޮޅެއް (ޓެކްސްޓް ޕްރޮމްޕްޓްސް) ބޭނުންކޮށްގެން އަސްލު މީހުންގެ ފޮޓޯތަކުގައި ހުންނަ ހެދުން ބަދަލުކުރުމާއި، ބަރަހަނާ ކުރުން ފަދަ ކަންކަން ވަނީ ކޮށްފައެވެ. ސީސީޑީއެޗްގެ ސީއީއޯ އިމްރާން އަހުމަދު ވިދާޅުވި ގޮތުގައި، އީލޮން މަސްކުގެ ގްރޮކްއަކީ ބަދުއަޚުލާގީ މަންޒަރުތައް އުފައްދާ "ފެކްޓަރީއެއް" ފަދަ އެއްޗެކެވެ. އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި މިފަދަ ވަސީލަތެއް ދޫކޮށްލުމުން، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް އުފެއްދުމަށް މަގުފަހިވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިގޮތަށް އުފެއްދި "ޑީޕް ފޭކް" ފޮޓޯތަކުގެ ޝިކާރައަކަށް ވި މަޝްހޫރު މީހުންގެ ތެރޭގައި ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސުވިފްޓް، ސެލީނާ ގޮމޭޒް، ނިކީ މިނާޖް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ފަދަ ބޭފުޅުން ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެލޭޝިއާ، އިންޑޮނޭޝިއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުން ގްރޮކް ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރިއެވެ. ނަމަވެސް، ފިލިޕީންސް އިން މިހާރު ވަނީ އެ ބޭން އުވާލާފައެވެ. އެއީ އެކްސްއޭއައި އިން އެ ގައުމުގެ ގާނޫނުތަކަށް ފެތޭ ގޮތަށް، ބަދުއަހުލާގީ މަންޒަރުތައް ނުއުފެއްދޭނެ ގޮތަށް ބަދަލުތަކެއް ގެނައުމަށް އެއްބަސްވުމުންނެވެ. މި ރިޕޯޓާ ގުޅިގެން އެކްސް އޭއައިއިން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، އީމެއިލް މެދުވެރިކޮށް ދިން ޖަވާބެއްގައި ބުނެފައިވަނީ މިއީ މީޑިއާތަކުން ހަދާފައިވާ ދޮގުތަކެއް ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުންނާއި ރެގިއުލޭޓަރީ އިދާރާތަކުން ފާޅުކުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، އެކްސްއޭއައި އިން މިހާރު ވަނީ ގްރޮކް މެދުވެރިކޮށް ބަދުއަހުލާގީ ފޮޓޯއާއި ވީޑިއޯ ނުއުފެއްދޭނެ ގޮތަށް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ބަރަހަނާ މަންޒަރުތައް ނުވަތަ މީހުންގެ އަބުރަށް އުނިކަން އަންނަ ފަދަ ޖިންސީ ތަސްވީރުތައް އުފެއްދުމަށް ބޭނުންކުރާ ކޮމާންޑްތައް ވަނީ ބްލޮކްކޮށްފައެވެ. މީގެ އިތުރުން، ގާނޫނީ ގޮތުން މިފަދަ އަމަލުތައް މަނާ ގައުމުތަކުގައި، ބިކިނީ ނުވަތަ ބަދުއަހުލާގީ ސިފަ ހުންނަ ފޮޓޯތައް އުފެއްދުން މަނާކޮށް، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެކްސް އިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ