ގޯލްޑަން ފުޓްސަލް ޗެލެންޖު: މަތިވެރި އާއި ނައިވާދޫން ކުއާޓާ ފައިނަލުގެ ފަހު ޖާގަތަށް ހޯދައިފި ގޯލްޑަން ފުޓްސަލް ޗެލެންޖު: މަތިވެރި އާއި ނައިވާދޫން ކުއާޓާ ފައިނަލުގެ ފަހު ޖާގަތަށް ހޯދައިފި

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ގަދަ 16 ބުރުގެ ފަހު މެޗުތަކުން މޮޅުވެ، ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް އއ. އަތޮޅުގެ ޗެމްޕިއަން، މަތިވެރި އާއި ހދ.ގެ ޗެމްޕިއަން ނައިވާދޫން ހޯދައިފި އެވެ.
މިރޭ ކުޅެން އޮތް ދެ މެޗު އެންމެ ފުރަތަމަ ތާވަލުކުރީ ރޭ ކުޅޭ ގޮތަށެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން، ރޭގެ ފުރަތަމަ ދެ މެޗު މިރެ އަށް ފަސްކުރީ އެވެ. ނައިވާދޫން ވަނީ މ. އަތޮޅުގެ ޗެމްޕިއަން އަތުން 2-1 އިން މޮޅުވެފަ އެވެ. އަނެއްކޮޅުން، މަތިވެރިން ލ. އަތޮޅު ޗެމްޕިއަން، އިސްދޫއާ ކުޅުނު މެޗުގައި 2-2 އިން އެއްވަަރުވެ، ޕެނަލްޓީގައި ކުރިހޯދީ 6-4 އިންނެވެ.
ނައިވާދޫ ކޮޅަށް ދިއްގަރުގެ ހުސެއިން ފާރިޝް ގޯލުޖެހި މި މެޗުގައި، ނައިވާދޫން ލަނޑުތައް ޖެހީ، ހުސެއިން މައިޝާން އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅުނު ނައިވާދޫ ކައިރީގައި ދިއްގަރުން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗުގައި ލަނޑު ޖެހުމަށް ފަހު ނައިވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ކުއާޓާ ފައިނަލުގައި ނައިވާދޫން ކުޅޭނެ މަތިވެރިން މިރޭ އިސްދޫ ކައިރިން ފަހަތުން އަރައި ލީޑުނެގި ނަމަވެސް ފުރިހަމަ ވަގުތުގެ ތެރޭގައި މޮޅެއް ނުހޯދުނެވެ. އިސްދޫގެ އަލީ ހުމޭޒު އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މަތިވެރި އަށް ފުރަތަމަ ހާފުގައި ހައިޝަމް އަލީ އެއްވަަރުކޮށްދިނެވެ. އަދި، ދެ ވަނަ ހާފުގައި، ފިޒާން އަބްދުލް ގަފޫރު (ފިޒޭ) ލަނޑެއް ޖަހައި، މަތިވެރި އަށް ލީޑެއް ހޯދައިދިނެވެ. އެކަމަކު، މެޗު ނިމެން ކުޑަަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ހުމޭޒު ލަނޑު ޖަހައި، އިސްދޫ އަށް އެއްވަަރުކޮށްދިނެވެ.
ޕެނަލްޓީގައި އިސްދޫން ދެ ޕެނަލްޓީ ނާކާމިޔާބުވީ ހޫދު އާއި ލޫތު ފޮނުވާލި ޕެނަލްޓީތަކެވެ. މަތިވެރި އަށް ފިރާޝް (ކަހޫ)ގެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އިސްދޫ އަށް ޕެނަލްޓީތައް ވައްދާލައިދިިނީ، ހުމޭޒާއި އަފްސަމް އެވެ. އަދި، މަތިވެރިން ޕެނަލްޓީތައް ކާމިޔާބުކުރީ، އަލީ އަލްސަން، އިސްމާއިލް ނަސީމް (ބޯވަ)، މުހައްމަދު ޒާހިދު ސައީދު އަދި މުހައްމަދު ސަފުރާޒް އެވެ.
އަންނަ އާދިއްތަ ދުވަހުގެރޭގައި ކުޅޭ ކުއާޓާ ފައިނަލް މެޗުތަކުގައި، 8 ޖަހާއިރު ފަށާ މެޗުތަކުގައި ދުވާފަރުން ކުޅޭނީ އޭދަފުށްޓާ އެވެ. އަދި، މަތިވެރިން ކުޅޭނީ ނައިވާދޫއާ އެވެ. އަދި، 10 ޖަހާއިރު، ދެއްވަދޫން ތިމަރަފުށްޓާ ކުޅޭއިރު، ކުޑަހުވަދޫން ވިލިމާލެއާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ