އެމްޑީޕީގެ ވެރިކަމެއްގައި، ލާމަރުކަޒީ ނިޒާމު ހިންގަން މިހާރަށް ވުރެ އިތުރަށް ފައިސާ ދޭނަން: ޣަފޫރު
މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއަށް ވެރިކަން ކުރަން ދެން ލިބޭ ފުރުސަތެއްގައި، ލާމަރުކަޒީ ނިޒާމު ހިންގަން މިހާރު ދޭ ފައިސާއަށް ވުރެ އިތުރަށް ދޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެއެވެ. ދެހާސް ނަވާރައިގައި އިންތިޚާބުވި އެމްޑީޕީގެ ސަރުކާރުގައި، ދައުލަތުގެ އެ އަހަރެއްގެ ޖުމްލަ އާމްދަނީގެ ގޮތުގައި އަންދާޒާ ކުރެވޭ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަ ކުރުމަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެއަށްފަހު، ކައުންސިލްތަކަށް 2021ގައި 1.3 ބިލިއަން ރުފިޔާ، 2022ގައި 1.6 ބިލިއަން ރުފިޔާ އަދި 2023ގައި 1.8 ބިލިއަން ހިމަނައިފައިވެއެވެ. އެހެންނަމަވެސް ޕީއެންސީ ސަރުކާރުން ކައުންސިލްތަކަށް ފައިސާ މަދުން ދޭން އުޅޭ ކަމަށާއި، ކައުންސިލްތަކުގެ ބާރު ކަނޑުވާލަން އުޅޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ބ. ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޣަފޫރު ވިދާޅުވީ، މި ސަރުކާރުން ޑިމޮކްރަސީ ގަބޫލުނުކުރާ ކަމަށާއި މިހާރު މުޅި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެ ނިޒާމު މާލީ ގޮތުން މާ ބޮޑަށް ބާރުވެރިކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން މި އަރުވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެރިކަމަށް އަންނާނަން، އައުމަށްފަހު އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު ހިންގަން އެ ދޭ ފައިސާއަށްވުރެ މާ ގިނައިން ފައިސާ ދޭނަންއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޣަފޫރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ބަސް ބުނަން ޖެހޭނީ ރައްޔިތުން ހޮވާފައި ތިބޭ، އެ ރަށުގައި ތިބޭ މީހުން ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއެއްގައި، ރައްޔިތުން އެންމެ ހިތްހަމަޖެހެނީ އެ ރަށަކަަށް ޚިދުމަތް ދޭ ކައުންސިލާ މެދުގައި ކަމަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދިރާސާގައި މީހުން ބުނެފައި ވަނީ، ރަށުގެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެނީ ކައުންސިލުން ކަމަށާއި، އެގޮތުން ކައުންސިލަށް ގޮސް ބުނުމުން، އެ އޮންނަ އުސޫލުގެ ތެރެއިން އެކަމެއް ވާ ކަމަށް ބުނެފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެމްޑީޕީން ތުޅާދޫގައި ބޭއްވި ޖަލްސާގެ ތެރެއިން: އެމްޑީޕީގެ ވެރިކަމެއްގައި، ލާމަރުކަޒީ ނިޒާމު ހިންގަން މިހާރަށް ވުރެ އިތުރަށް ފައިސާ ދޭނެ ކަމަށް އެ ޖަލްސާގައި ބުނެފައިވޭ -- ފޮޓޯ/ އެމްޑީޕީ އެހެންނަމަވެސް ރަށެއްގައި ހުންނަ ދައުލަތުގެ ކުންފުންޏެއްގެ އޮފީހުން ނުވަތަ ސިއްހީ މަރުކަޒުން އެގޮތަށް ޚިދުމަތް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑުމެން މި ބުނަނީ މި ނިޒާމު ފުރިހަމަވެގެންދާއިރުގައި މި ތުޅާދޫގައި ވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެ ރަށެއްގައި ހުރި ހުރިހާ ތަނަކީ އެ ރަށެއްގެ ކައުންސިލް އިހުތިސާސް ހިނގާ ތަންތަނަށް ވާން ޖެހޭނެޔޭ،" ޣަފޫރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބަދަލު ގެންނަން ވަގުތު ނަގާނެ ކަމަށާއި ނަމަވެސް މަރުހަލާއަކަށް ފަހު މަރުހަލާއެއް ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެމްޑީޕީ ސަރުކާރުގައި ކައުންސިލްތަކަށް ބަޖެޓުން ހިލޭ އެހީ ދޭން ފެށީ އެ ސަބަބަށް ޓަކައި ކަމަށް ވެސް ޣަފޫރު ފާހަގަކުރެއްވިއެވެ. https://www.sun.mv/214712 އެ އެހީގެ ދަށުން، ދައުލަތުގެ ބަޖެޓުން މިހާރު 181 ރަށަށާއި ފަސް ސިޓީއަށް 1.8 ބިލިއަން ރުފިޔާ ދިނުމުން، ސަރުކާރުން ނުދޭ ވަރަށް ކައުންސިލްތަކުން ޚިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް އެމްޑީޕީއާއި ބައެއް ކައުންސިލްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެގޮތުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ގެނައި އިސްލާހާއި އަތޮޅު ކައުންސިލްތައް އުވާލުމަށް ގެނައި އިސްލާހު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ