ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަޝްރޫއުތައް ފަށަން ތައްޔާރުވަނީ: މުއްތަލިބް

ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކުރީ ސަރުކާރުން ފަށައި ހުއްޓާލާފައިވާ މަޝްރޫ އާއި މި ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިހެން ވިދާޅުވީ، ޕީއެންސީގެ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއަތަލިބް ވިދަޅުވީ، ކުޅުދުއްފުއްޓަކީ ދަރިންނަށް ތައުލީމް ދިނުމަށާއި އުޖާލާ މުސްތަގްބަލެއް ދިނުމަށް އެހެން ރަށްރަށުގެ މީހުން ހިޖުރަކޮށް ދިރިއުޅެމުން އަންނަ ސިޓީއެއް ކަމަށެވެ. އަދި އެ ރަށަކީ ސިއްހީ ފަރުވާ ހޯދުމާއި އިގްތިސޯދީ ކުރިއެރުން ހޯދުމާއި އެހެނިހެން ހިދުމަތްތައް ހޯދުމަށް އުތުރުގެ ރައްޔިތުން ބޭނުން ކުރަމުންދާ މައި މަރުކަޒު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ކުރިއެރުންތަކާއެކު ކުޅުދުއްފުށީގެ އާބާދީ ބޮޑުވަމުން އަންނަ އިރު އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް މުއްތަލިބް ފާހަގަކުރެއްވިއެވެ. ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުން ކަމަށް ވާއިރު، އެ ރަށުގައި ފެށިފައި އަދި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައި ފެއްޓި މަޝްރޫއެއް ކަމަށާއި އިއްތިފާގަކުން އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޑީޕީގެ އޭރުގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 65 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އިތުރަށް ވެސް 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މުއްތަލިބް ވިދާޅިވިއެވެ. ޖުމްލަ 86 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން މި މަޝްރޫ ހިންގަން ދީފައި އޮތުމުން އެ ކުންފުންޏާ ވާހަކަ ދައްކައިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ފަށަިއގެން ކުރިއަށް ގެންދަން ބޭނުން ނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިދިޔަ އަހަރު މެދުތެރޭ އެ ކޮންތްރެކްޓް ބާތިލްކޮށް އެޗްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ މާޗް މަހުގެ ތެރޭގައި 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދައި އެ މަސައްކަތް ހަވާލުކޮށް މަސައްކަތް ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެން ވައުދުފުޅާ އެއް ގޮތަށް އެ ރަށުގައި އަޅާ 2000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަަމަށާއި އަދި އެ ހައުސިން ޔުނިޓްގެ މަސައްކަތް ވެސް މިއަހަރުތެރޭ ފަށާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި މި ޔުނިޓްތައް ދޭން ޖެހޭ ފަރާތްތައް ހޯދުމަށް އިއުލާންކޮށް އެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ