ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގައި އެދިއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް އެދެފިއެވެ.މިކަން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝް އަދި ސްރީ ލަންކާ އިން ވެސް ވަނީ ތެޔޮ ހޯދުމަށް އިންޑިއާގައި އެދިފަ އެވެ.އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް މިފަދަ ރިކުއެސްޓްތައް އިންޑިއާއަށް ވަނީ ފޮނުވައިފައެވެ. އަދި މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ."ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވި އެވެ.މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.ހަލީލް ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެހެން އިތުރު ގައުމުތަކުން ވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.ހަމަނުޖެހުން ދިގުދެމިގެންދާ ނަމަ ތެޔޮ ފީފާއެއްގެ އާންމު އަގު 90-100 ޑޮލަރަށް އަރާނެ ކަމަށް ވެސް މާކެޓް ދިރާާސާކުރާ މީހުން ދަނީ ބުނަމުންނެވެ. ތެލާއި ގޭސް އުފުލުމުގައި އެތައް ގައުމަކުން ބަރޯސާވާ މުހިންމު މަގު ކަމަށްވާ ހޮރްމުޒްގައި ކާގޯ ބޯޓުތަކަކަށް ހަމަލާ ދިނުމަށް ފަހު އީރާނުން އިއްޔެ ބުނީ އެމެރިކާ އާއި އިޒްރޭލުގެ އަދި އެ މީހުންގެ ބައިވެރިންނާ ގުޅުން އޮންނަ ކޮންމެ ބައެއްގެ އުޅަނދެއް އެއީ ހަމަލާ ދިނުން ހައްގު އެއްޗެއްގެ ގޮތުގައި ބަލައި ހަމަލާ ދޭނެ ކަމަށެވެ.އީރާން އަސްކަރިއްޔާގެ ވަރުގަދަ ފައުޖު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަ އިން ޗީފް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "މި ކުރެވެނީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ދިގު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމާ މެދު" އެމެރިކާ އާއި އިޒްރޭލުން ވިސްނަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ