އެސްޓީއޯގެ ފައިދާ ކުޑަކޮށްގެން ކަމުގައިވިޔަސް، ތެލުގެ އަގު މައްޗަށްދިޔަ ނުދީ ހިފަހައްޓާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށެވެ. ހާއްސަކޮށް ތެޔޮ ބޭރުކުރާ ކަނޑުގެ މައި މަގު ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު މިހާރަށްވުރެ ވެސް ބޮޑުތަނުން މައްޗަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް ހާލަތު ގޯސްވެގެން ނުދާނެ ކަމަށެވެ.
ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށާއި ތެލުގެ އަގަަށް ބަދަލު ގެނެސްފައިވަނީ ވަރަށް ރަނގަޅަށް ކަންކަން ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެސްޓީއޯއިން 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް ގަނެފައިވާ ކަމަށާއި އެއާއެކު ރާއްޖެއަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް ލިބޭ ކަމަށެވެ. އަދި 22،000 މެޓްރިކް ޓަނުގެ ބޯޓެއް ވެސް އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒް ކުރެވޭނެ ގޮތަށް މަސައްކަތްކުރަމުންދާ ކަމަށާއި ތެލުގެ މައްޗަށް ދިޔަ ނަމަވެސް، ރާއްޖޭގައި ގެނެސްފައިވަނީ ވަރަށް ކުޑަ ބަދަލެއް ކަމަށެވެ. އަދި ރާއްޖެއިން ތެލުގެ އަގު ހަދަނީ ވަރަށް ބޮޑަށް އަގުތަކަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް މިހާތަނަށް ކުރިމަތިވެފައިނުވާ ކަމަށާއި ތެޔޮ ގެންނަ ތާވަލާ އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާނެ ކަމަށެވެ. އަދި ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ހަރަދު ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯގެ ފައިދާ ކުޑަކޮށްގެންވިޔަސް، ތެލުގެ އަގު މައްޗަށްދިޔަ ނުދީ ހިފަހައްޓާނަން: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ