މި ކުޑަ އީދުގައި ކުލަގަދަ ބޮކި ދިއްލަނީ ފަސް ސިޓީގައި އެކަނި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވެސް އަސަރުތަކެއް ކުރަމުންދާތީ، ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި ފަހަރުގެ ކުޑަ އީދަށް ހަމައެކަނި ފަސް ސިޓީގައި ކުލަގަދަ ބޮކި ދިއްލާ ގޮތަށް ނިންމާފައިވާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ހަނގުރާމަ ދިގުލައިގެންދާތީ އޭގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ހައްލުތައް ހޯދުމަށް ދިވެހި ސަރުކާރުން އެކުލަވާލި ކެބިނެޓްގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ދިވެހި ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް ނާޅާތީ ސުވާލުކޮށްފަ އެވެ. ހާއްސަކޮށް އީދުގައި ބޮޑު ހަރަދުކޮށްގެން ކުލަގަދަ ބޮކި ދިއްލުން ހުއްޓާލުމާ ގުޅޭ ގޮތުންނެވެ.
ބުނީ ކީކޭ؟ - ނުވަ މިނިސްޓަރުން ތިބޭ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސުވާލުގެ ޖަވާބު ދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އެ ގޮތުން ކެބިނެޓްގައި މަޝްވަރާކުރުމަށް ފަހު ނިންމާފައިވަނީ ސިޓީގެ ދަރަޖަ ދީފައިވާ ފަސް ސަރަހައްދުގައި އެކަނި، އަދި ސަރަހައްދުގައި ވީހާ ވެސް މަދުން ބޮކި ދިއްލުމަށް ކަމަށެވެ.
"ފިތުރު އީދު ދިއްލުން ރަށްރަށުގައި މި ވަގުތު ނުބާއްވާ ގޮތަށް. ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މި ކަން ކުރިއަށް ގެންދާ ގޮތަށް. އެ ވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި. އެ ވެސް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި،" ހަލީލު ވިދާޅުވި އެވެ.
ސިޓީގެ ދަރަޖަ ދީފައިވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ފުވައްމުލައް، ގދ. ތިނަދޫ، އަދި ހދ. ކުޅުދުއްފުއްޓެވެ.
އެނގުން މުހިންމު - އީދު ފާހަގަކުރުމަށް ރަށްރަށުގައި ކުލަގަދަ ބޮކިން ޒީނަތްތެރި ފަންނީ މަންޒަރުތައް ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރަށްރަށުގައި ކުލަގަދަ ބޮކި އީދުގައި ދިއްލަން ފެށީ މި ސަރުކާރުންނެވެ. އެ ކަން ކުރަމުން އައީ އަހަރަކު ކޮންމެ ވެސް ވަރަކަށް ބޮކިފަތި ރަށްރަށަށް ފޮނުވައިގެން އަހަރަކަށް ފަހު އަހަރެއް ބޮކި ދިއްލާ ރަށްތައް ގިނަވާނެ ގޮތަށެވެ. އެ ކަމަށް ބޮޑު ހަރަދެއް ވެސް ހިނގަ އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ އީދުގައި ވެސް މި ކަމަށް28 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ