މީޑިއާޓެކް ޗިޕްގައި މައްސަލައެއް: މިލިއަނެއްހާ އެންޑްރޮއިޑް ފޯނަށް ނުރައްކާވެދާނެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެތައް މިލިއަން އެންޑްރޮއިޑް ސްމާޓްފޯނަކަށް ނުރައްކާވެދާނެ ފަދަ ބޮޑު ސެކިއުރިޓީ މައްސަލައެއް، މީޑިއާޓެކް ޗިޕްތަކަކުން ފެންމަތިވެއްޖެއެވެ. ކްރިޕްޓޯކަރަންސީ ކުންފުންޏެއްގެ ސެކިއުރިޓީ ރިސާޗަރުން ހޯދި މި މައްސަލައިގެ ސަބަބުން، މީޑިއާޓެކްގެ ޑައިމެންސިޓީ އަދި ހީލިއޯ ޗިޕްތައް ބޭނުންކުރާ ފޯނުތަކަށް އެންމެ މިނެޓެއް ވެސް ނުވާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހެކަރުންނަށް ވަދެގަތުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. 'ލެޖަރ' ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޗާލްސް ގިލެމެޓް ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސެކިއުރިޓީ ޓީމު (ލެޖަރ ޑޮންޖޮން) އިން ހޯދި މި މައްސަލައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެތައް މިލިއަން ފޯނެއްގެ ރައްކާތެރިކަން ވަނީ ނުރައްކަލުގެ ތެރޭގައެވެ. މި މައްސަލަ ދިމާވެފައިވަނީ މީޑިއާޓެކް ޗިޕްތަކުގައި ސެންސިޓިވް ޑޭޓާ ރައްކާތެރިކުރުމަށް ބޭނުންކުރާ 'ޓްރަސްޓޮނިކް ޓީއީއީ' ގައެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކީ ފޯނު ނިއްވާލާފައި އޮތް ނަމަވެސް، މިގޮތަށް ފޯނަށް ވަދެވުން --- އެ ޓީމުން ވަނީ މީޑިއާޓެކް ޑައިމެންސިޓީ 7300 ޗިޕް ހިމެނޭ 'ސީއެމްއެފް ފޯން 1' ބޭނުންކޮށްގެން މިކަން ޓެސްޓުކޮށްފައެވެ. ކޮމްޕިއުޓަރަކާ ފޯނު ގުޅާލުމަށް ފަހު، އެންމެ 45 ސިކުންތުގެ ތެރޭގައި ފޯނުގެ ސެކިއުރިޓީ ފަހަނައަޅައި ގޮސް، އޭގައިވާ މައުލޫމާތުތައް ނެގޭކަން ވަނީ ސާބިތުކޮށްދީފައެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކީ ފޯނު ނިއްވާލާފައި އޮތް ނަމަވެސް، މިގޮތަށް ފޯނަށް ވަދެވުމެވެ. މީޑިއާޓެކްގެ އަސަރުކޮށްފައިވާ ޗިޕްތައް ބޭނުންކުރާ ކޮންމެ އެންޑްރޮއިޑް ފޯނަކަށް ވެސް މި ނުރައްކާ އޮންނާނެކަން ފާހަގަކޮށްފައިވެއެވެ. މި ސެކިއުރިޓީ ބަލިކަށިކަމުގެ ފައިދާ ނަގައިގެން ހެކަރުންނަށް ފޯނުގެ ސެކިއުރިޓީ ޕިން ކޯޑާއި، ޑިކްރިޕްޓްކޮށްފައިވާ ސްޓޯރޭޖްގެ މައުލޫމާތުތައް ވަގަށް ނެގިދާނެއެވެ. މީގެ އިތުރުން، އެންމެ އާންމުކޮށް ބޭނުންކުރާ ކްރިޕްޓޯކަރަންސީ ވޮލެޓްތަކުގެ 12 ނުވަތަ 24 ބަސް ހިމެނޭ ޕާސްވޯޑްތައް (ސީޑް ފްރޭޒް) ވެސް ނެގޭނެއެވެ. މީގެ ސަބަބުން ވެރިފަރާތަށް ނޭނގި ކްރިޕްޓޯ އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ހެކަރުންނަށް ލިބެއެވެ. މީޑިއާޓެކް ޗިޕްތަކާ ޚިލާފަށް، އެޕަލް، ގޫގުލް އަދި ސްނެޕްޑްރެގަން ޗިޕްތައް ބޭނުންކުރާ ސްމާޓްފޯނުތަކުގައި، މައުލޫމާތު ރައްކާތެރިކުރުމަށް ވަކިން ޚާއްޞަ ސެކިއުރިޓީ ޗިޕްތަކެއް ހިމަނާފައިވާތީ، އެ ފޯނުތަކަށް މިފަދަ ނުރައްކާތަކުން ރައްކާތެރިކަން ލިބެއެވެ. ފޯނު އުފައްދާ ކުންފުނިތަކުން (އޯއީއެމް) މި މައްސަލައާ ގުޅޭގޮތުން އަދި ރަސްމީކޮށް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މީޑިއާޓެކުން ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހު މިކަން ހައްލުކުރުމަށް ސެކިއުރިޓީ ޕެޗެއް ފޯނު އުފައްދާ ކުންފުނިތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް، އެ ކުންފުނިތަކުން އާންމު ޔޫޒަރުންނާ ހަމައަށް އެ އަޕްޑޭޓްތައް ފޯރުކޮށްދީ، މައްސަލަ ހައްލުކޮށްފައިވޭތޯ އަދި ކަށަވަރެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ