ކުރީގެ ބައެއް ވެރިން ގެދޮރު ހަދަނީ ސީއެސްއާރުގެ ތެރެއިން، އެއީ ގައުމަށް ގައްދާރުން: ފަލާހު

ކުރީގެ ބައެއް ވެރިން ގެދޮރު ހަދަނީ ސީއެސްއާރުގެ ތެރެއިން ކަމަށާއި އެއީ ގައުމަށް ގައްދާރުން ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު އެހެން ވިދާޅުވެފައިވީ ނަމަވެސް، އެ ވެރިއެއްގެ ނަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު އިމާރާތްކުރުމުގެ ވާހަކަ ޕީއެންސީގެ ބައެއް ބޭފުޅުން ތަކުރާރުކޮށް މީގެ ކުރިން ވަނީ ވިދާޅުވެފައިވެއެވެ.
ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު އިދިކޮޅު ފަރާތްތަކުން ތެޅިފޮޅެން ނުޖެހޭ ކަމަށާއި އެ ވޯޓުގައި ވެސް ގޮތް ނިންމަން ދޫކޮށްލާފައިވާނީ ރައްޔިތުންނަށް ކަމަށެވެ.
ބައެއް ވެރިންގެ ގެދޮރު ސީއެސްއާރުގެ ތެރެއިން އެޅޭތަން ވެސް ފެންނަ ކަމަށާއި އެ ހުންނަނީ ގައުމަށްވީ ގައްދާރުވުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕީއެންސީން ހަނގުރާމަ ކުރަން ޖެހެނީ އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކުވެސް އުޅެނީ ކޮންމެވެސް މީހެއްގެ އަބުރު ކަތިލުމުގެ މަސައްކަތުގައި ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ގެއްލުމެއް އެ ފަރާތްތަކަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ބަހުސަކަށް ދާން ޖެހުނަސް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާތައް ސާފުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއަކީ 2012 ފެބްރުއަރީ 7 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ރައްޔިތުންގެ އެތައް ސަތޭކަ މުދަލަކަށް ގެއްލުންދިން ބައެއް ކަމަށާއި އެކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ