ކެންޔާގެ އެއާޕޯޓުން 2،200 އަށްވުރެ ގިނަ ދިރޭ ހިންޏާއެކު މީހަކު ހައްޔަރުކޮށްފި
ކެންޔާގެ ނައިރޯބީގައި ހުންނަ ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓުން 2،200 އަށްވުރެ ގިނަ ދިރޭ ހިންޏާއެކު ޗައިނާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޒަންގް ކެޤުން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ކެންޔާއިން ފުރަން އުޅެނިކޮށެވެ. ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އޭނާގެ ލަގެޖު ފާސްކުރިއިރު 2،238 ހިނި ވަނީ ފެނިފައެވެ. މީގެ ތެރެއިން 1،948 ހިނި ހުރީ ޓެސްޓް ޓިއުބުތަކެއްގައި ބަންދުކޮށްފައެވެ. އަދި، ބާކީ ހުރި ހިނިތައއ ފެނިފައިވަނީ ތިން ޓިޝޫ ރޯލެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށެވެ. މީގެ ކުރިން ވެސް ކެންޔާގައި ހައްޔަރުކުރަން އުޅުމުން ފިލާފައިވާތީ، އޭނާގެ ޕާސްޕޯޓުގައި އިމިގްރޭޝަނުން ވަނީ "ސްޓޮޕް އޯޑަރެއް" ވެސް ޖަހާފައެވެ. ކެންޔާ ވައިލްޑްލައިފް ސާވިސްއިން ކޯޓުގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށާއި އޭނާގެ އަތުން ފެނުނު އައިފޯނަކާއި މެކްބުކެއް ތަހުލީލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ޒަންގް ކެންޔާގައި ދެ ހަފުތާ ވަންދެން އުޅެފައިވާއިރު، އޭނާއަށް މި ހިނިތައް ހޯދައިދިން އިތުރު ތިން މީހެއްގެ މައުލޫމާތު އޭނާ ވަނީ ތަހުގީގަށް ދީފައެވެ. މިފަދަ ހިނިތަކަކީ ބިއްލޫރި ކޮށިތަކުގައި އޮޅުކޮށްގެން ގެންގުޅުމަށް ބޮޑު އަގުދީފައި މީހުން ގަންނަ ސޫތްޕެކެވެ. މިދިޔަ އަހަރު ވެސް ކެންޔާގެ ތިމާވެއްޓަށް މުހިންމު އެތައް ހާސް ހިންޏެއް ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ހަތަރު މީހަކު ވަނީ ކޮންމެ މީހަކު 7،700 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ