މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ދެއްވައިފި

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ދެއްވައިފިއެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިމްޕޯޓަށް ބަރޯސާވެފައިވާ ތަރައްޤީވަމުންއަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެދާނޭ އިޤްތިޞާދީ، އަދި ސަލާމަތީ ގޮންޖެހުންތައް ބަލައި، އެކަންކަމުން އަރައިގަތުމަށް ކުރު ރާސްތާ، އަދި ދުރު ރާސްތާ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށެވެ.
މިގޮތުން، ރާއްޖޭގެ އަމާންކަމާއި އިޤުތިޞާދު ހިމާޔަތްކުރެއްވުމަށާއި، ތެލާއި ގޭސް ލިބުން ކަށަވަރުކުރެއްވުމަށާއި، ޒަރޫރީ ކަންކަމަށް ބޭނުންވާ ކާބޯތަކެތި ރައްޔިތުންނަށް ލިބޭނޭކަން ކަށަވަރުކޮށްދިނުމަށާއި، ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ސަރަޙައްދުގައި ތިބި ދިވެހީންގެ ޙާލަތު ވިލަރެސްކޮށް އެހީފޯރުވުމަށް ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނާއި ކަމާގުޅޭ ވަޒީރުން ވަނީ ހިއްސާކުރައްވާފައެވެ.
މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ތިބި ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި، ހޮޓްލައިންތަކާއި އީމެއިލްތައް ސަރކިއުލޭޓްކޮށް، ސަރަހައްދުގައި ހުރި ދިވެހި ސަފާރާތަކުން ގިނަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށް ކޮމިޓީން ހާމަކުރެއްވިއެވެ. އެގޮތުން، ދަރިވަރުންވެސް އަލުން ސަފާރާތަކުގައި ރެޖިސްޓަރކުރަން އިރުޝާދުދެއްވައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، ޢުމްރާވެރިންނަށް ކުރިމަތިވި އަދި ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް ޙައްލުކުރެވުމުންދާކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް، ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރެވިފައި ނުވާކަމަށާއި، އެފަދަ ރިކުއެސްޓްތައްވެސް ރިޖެކްޓްކުރައްވަމުންގެންދަވާކަމުގެ ޔަޤީންކަން ކޮމިޓީން ވަނީ ދެއްވާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމަށް މީގެ ދެއަހަރެއްހާ ދުވަސް ކުރީއްސުރެ ކުރަމުންދާ މަސައްކަތުގެ ސަބަބުން، މި ޙާލަތުގައި ފައިދާތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނޭ އިންތިޒާމުވެސް ކުރައްވަމުންގެންދަވާކަމަށް ކޮމިޓީން ހާމަކުރެއްވިއެވެ. އަދި ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، އެންކަރ ވިއުގައިގެ އެހީގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކާނާ އާއި ޒަރޫރީ މުދާ ލިބެމުންދާކަން ކަށަވަރުކުރައްވަމުން ގެންދަވާކަމަށް ކޮމިޓީން ހާމަކުރެއްވިއެވެ.
ތެލުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި، ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމުތަކަކަށް ބަރޯސާވުމުގެ ބަދަލުގައި، އެ ބާޒާރު ސިންދަފާތުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ކޮމިޓީން ފާހަގަކުރެއްވިއެވެ. އަދި ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ދަތުރުފަތުގެ އާ ރޫޓްތައް ހޯދައި، ހުރި ރޫޓްތަކުން ކުރާ ދަތުރުތައް އިތުރުކުރެވެމުންދާކަމަށް ކޮމިޓީން ހާމަކުރެއްވިއެވެ.
މި ހުރިހާ ދާއިރާތަކުން ކުރެވޭ މަސައްކަތްތަކަށް ފަހިކުރުމަށްޓަކައި، ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ އެކު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަންވެސް ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީ އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީވަޒީރުގެ އިތުރުން، މާލީ ވަޒީރު، މޫސާ ޒަމީރާއި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެން، މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ