ޚަރަދު ކުޑަކުރަން ޖެހިފައިވާއިރު، ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ނަޝީދު ގޮވާލައްވައިފި
ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރަމުންދާތީ ރާއްޖޭން ވެސް ޚަރަދު ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ގޮވާލައްވައިފިއެވެ. ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ ކުރިން މަޖިލީހުގެ ރައީސްކަމާއި ވެރިކަން ވެސް ކުރައްވާފައިވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭން ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދުނު ވާހަކައަށް އަލިއަޅުވާލައި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ވެސް ދައްކަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭން ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން އެހީގެ އަތް ދިއްކޮށްލާފައިވާ ކަމަށެވެ. އެ ގޮތުން، ނޮވެންބަރު 3، 1988 ގައި ދިން ޢުދުވާނީ ހަމަލައާއި ސުނާމީ ކާރިސާއާއި ފެނުގެ ކާރިސާ އަދި ކޮވިޑް 19ގެ ދުވަސްވަރު ވެސް އެ ގައުމުން ރާއްޖެއަށް އެހީވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. https://x.com/MohamedNasheed/status/2032063630573818325 "ރާއްޖޭން ޒިންމާދާރުކަން ދެއްކުން ވެސް އިންތިހާއަށް ބޭނުންތެރި،" ނަޝީދު ރިފަރެންޑަމްގެ ވާހަކަ ފެއްޓެވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. އެ ގޮތުން، ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް ގެންނަންވާނީ އަވަސް އަރުވާލުމުގެ ބަދަލުގައި، އެންމެހާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށްދާން ދިވެހި ސަރުކާރަށް ގޮވާލަން،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެއެވެ. https://sun.mv/218407 ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ފުރަތަމަ ދެކެވުނުއިރު ނަޝީދު ވަނީ އެ އިސްލާހަށް ތާއީދުކުރައްވާ ކަމަށް ފާޅުގައި ވިދާޅުވެފައެވެ. އެއީ، އިދިކޮޅު އެމްޑީޕީން އެ އިސްލާހަށް ތާއީދުކުރަން ނިންމެވި ހަމައެކަނި ލީޑަރެވެ. އެކަމަކު، އޭގެ ފަހުން އެމްޑީޕީން ވަނީ އެ އިސްލާހަށް ދެކޮޅު ހަދަން ރަސްމީކޮށް ނިންމާފައެވެ. އެއާ އެކު، ނަޝީދު ވެސް ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ތައްޔާރަށް ހުންނެވިކަން އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހާމަކުރައްވާފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފައެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ އިސްލާހަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ