މިފަހަރު އީދު ލައިޓު ދިއްލާނީ ހަމައެކަނި ސިޓީތަކުގައި، ރަށްރަށުގައި ނުދިއްލާނެ

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ އަސަރުތައް ކުޑަކޮށް ހަރަދުކުޑަކުރުމުގެ ގޮތުން، އަންނަ ފިތުރު އީދަށް ރަށްރަށުގައި އީދު ލައިޓު ނުދިއްލުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އީދު ފަދަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި ލައިޓު ދިއްލުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފިތުރު އީދާ ދިމާކޮށް، ލައިޓު ގެނައުމަށް 28 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އީދު ލައިޓުތައް ދިއްލުމާ ގުޅޭގޮތުން ކެބިނެޓުން ނިންމާފައިވަނީ ހަމައެކަނި ސިޓީތަކުގައި އީދު ލައިޓުތައް ދިއްލުމަށް ކަމަށެވެ.
ސިޓީތަކުގައި އީދު ލައިޓު ދިއްލިޔަސް، މިފަހަރު ދިއްލާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށާއި މުޅި ސިޓީގައި އީދު ލައިޓުތައް ނުދިއްލާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އެ ފިޔަވަޅުތަކާއެކު ވެސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ސަރުކާރުން މެދުނުކެނޑި ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުން ވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ