ވިހެއުމުގެ ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުދޭތީ މަޖިލީހަށް ޕެޓިޝަނެއް

ވިހެއުމުން އަންހެން މުވައްޒަފުން 6 މަސް ދުވަހުގެ ޗުއްޓީ ނަގައިފި ނަމަ ޕްރޮމޯޝަން ނުދެވޭ ގޮތަކަށް އޮންނަ އުސޫލު ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހަށް މި އީޕެޓިޝަން ހުށަހެޅީ މަރިޔަމް ޝިފާނާ ހުސައިން، މއ. ފޭރުގެ އެވެ.
ތަފްސީލް - އެ ޕެޓިޝަނުގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ މުއްދަތުގައި މަސައްކަތްކޮށްފައިވާ މުއްދަތު، 90 ދުވަހަށްވުރެ ކުރުނަމަ ޕީއޭގައި ޕްރޮމޯޝަން ދިނުމަށް މި މާކްސް ނުގުނާގޮތަށް އުސޫލު އޮންނަ ކަމަށެވެ.
އޭގެ ސަބަބުން، ވިހެއުމާއި ގުޅިގެން ހަ މަސް ދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތަށް ގެއްލެމުންދާތީ މިކަން ހައްލުކޮށްދެއްވުމަށް އެދޭ ކަމަށް ޕެޓިޝަނުގައިވެ އެވެ.
މި ޕެޓިޝަނަށް މިހާރު ވެސް 930 ސޮއި ހަމަވެފައިވެ އެވެ. ޕެޓިޝަނަށް ސޮއިކުރެވޭ މުއްދަތުގައި ބާކީ 39 ދުވަސް އޮތް އިރު، މިހާރު ހަމަވެފައިވާ އަދަދުން ވެސް މަޖިލީހުގެ މެންބަރަކު މެދުވެރިނުވެ ވެސް މަޖިލީހަށް ޕެޓިޝަން ބަލައިގަނެ، ސަރުކާރުގެ ސަމާލު ކަމަށް މަޖިލީހުން މި ކަން ގެންނަން ޖެހޭނެ އެވެ.
އެނގުން މުހިންމު - ޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެ އެވެ. 
ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ:
މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން
މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ
2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް އިސްކަން ދޭން ޖެހޭ މައްސަލައެއް ގޮތުގައި ކުރިއަށް ގެންދަން ޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ