އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުން އިތުރު 10 ދުވަހަށް މަޑުޖައްސާލައިފި

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ މުހުލަތު އިތުރުކުރައްވައި، އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ އެ ގައުމުގެ ހަކަތައާ ބެހޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ރޭ ވިދާޅުވީ، އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހަމަލާތައް މަޑުޖައްސާލުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އީރާނުން ވަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އަދި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ހަމައެކަނި އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތު ހިމާޔަތްކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށް ބުނެ އީރާނުން ވަނީ އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.
ވޭތުވެދިޔަ ހަތަރު ހަފުތާގެ ތެރޭގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް %20 އުފުލާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ތެލުގެ އަގު އުފުލި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އީރާނުން ވަނީ އެ ގައުމުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާއެއް ދީފި ނަމަ، ގަލްފް ސަރަހައްދުގައި ހުރި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މިދަނޑިވަޅުގައި ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުވެ، މީހުން މަރުވަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފަ އެވެ.
މަޝްވަރާގެ މަގުން މި މައްސަލައަށް ހައްލެއް ލިބިދާނެކަމާ މެދު ތަޖުރިބާކާރުން ދަނީ ޝައްކު އުފައްދަމުންނެވެ. އައިޓީސީ މާކެޓްސްގެ އެނަލިސްޓް ޝޯން ކެލޯ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކު ގަބޫލުކުރަނީ މި ދަނޑިވަޅުގައި އީރާނުގެ ބާރު ގަދަ ކަމަށާއި، ހަގީގަތުގައި އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްދާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ