މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ މެލޭޝިޔާގެ އުޅަނދުފަހަރަށް އީރާނުން ދީފާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އަންވަރު އިބްރާހީމް އިއްޔެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ހިފަހައްޓާފައިވާ މެލޭޝިޔާގެ ތެޔޮ ޓޭންކަރުތަކާއި އޭގައި ތިބި މުވައްޒަފުން މިނިވަންކޮށް، އެނބުރި ގައުމަށް ދިއުމުގެ މަގު ފަހިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އީރާނުން ދިން އަވަސް ހުއްދައަށްޓަކައި އެ ގައުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމޫޒް ކަނޑުއޮޅި މިހާރު އޮތީ ބޮޑު ބައި ބަންދުކޮށްފަ އެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 120 އުޅަނދު އެ ކަނޑުއޮޅިން ހުރަސްކުރި ނަމަވެސް، މިހާރު ދަތުރުކުރަނީ ވަރަށް މަދު އުޅަނދެކެވެ.
މި ހާލަތުގެ ސަބަބުން ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ އިންޒާރު އަންވަރު ދެއްވި އެވެ. އޭނާ ވިދާޅުވީ ކާބޯތަކެތީގެ ސަޕްލަޔަށް ބުރޫއަރާފައިވާތީ، ތެލާއި ގޭހުގެ އިތުރުން އާންމު މުދަލުގެ އަގުތައް ޔަގީނުން ވެސް އުފުލިގެންދާނެ ކަމަށެވެ.
އީރާނުން ބުނަމުންދަނީ އެމެރިކާ ނުވަތަ އިޒްރޭލާ ގުޅުމެއް ނެތް އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ހަމަ އެއާ އެކު، އެ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ ދަށުގައި އޮތްކަން ހާމަކޮށް، އުޅަނދުފަހަރުން އާ ޓްރާންސިޓް ފީއެއް ނެގުމަށް ވެސް އެ ގައުމުން ދަނީ ވިސްނަމުންނެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން މެލޭޝިޔާއަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ