އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އިންފްލޭޝަން ކޮންޓްރޯލްކޮށް އާންމުންނަށް ލުއިތަކެއް ހޯދައިދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ޕެޓްރޯލާއި ޑީސަލުން ނަގާ އެކްސައިޒް ޑިއުޓީ އިއްޔެ ކުޑަކޮށްފި އެވެ.
މި ބަދަލާ އެކު، ލިޓަރަކުން 13 ރުޕީސް ނަގަމުން އައި ޕެޓްރޯލް ޑިއުޓީ 3 ރުޕީސްއަށް ވަނީ ދަށްކޮށްފަ އެވެ. އަދި ލިޓަރަކުން 10 ރުޕީސް ނަގަމުން އައި ޑީސަލް ޑިއުޓީ ވަނީ އެއްކޮށް އުނިކޮށްފަ އެވެ.
އިންޑިއާގެ ތެލާބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވި ގޮތުގައި، މިއީ ތެޔޮ ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މި ނިންމުމުގެ ސަބަބުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން ބޮޑު ބައެއް އުނިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ތެލުގެ ސަޕްލައިއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ބަލައި، އިންޑިއާގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ވަރަށް ތެޔޮ ހުރިކަން ކަށަވަރުކުރުމަށްޓަކައި، ބޭރަށް އެކްސްޕޯޓްކުރާ ތެލުން 'ވިންޑްފޯލް ޓެކްސް'އެއް ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. މިގޮތުން ޑީސަލް ލިޓަރަކުން 21.5 ރުޕީސް އަދި މަތިންދާބޯޓަށް އަޅާ ތެލުން ލިޓަރަކުން 29.5 ރުޕީސް ޓެކްސްގެ ގޮތުގައި ނަގާނެ އެވެ.
ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ވިދާޅުވީ، މި ޓެކްސްގެ ބޭނުމަކީ ގައުމުގެ އެތެރޭގައި ތެޔޮ ލިބެން ހުންނާނެކަން ކަށަވަރުކުރުން ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އިގްތިސާދީ ތަޖުރިބާކާރުން އިންޒާރު ދެނީ މި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ދައުލަތުގެ މާލިއްޔަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށެވެ.
އަންދާޒާކުރެވޭ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ގާތްގަނޑަކަށް 1.55 ޓްރިލިއަން ރުޕީސްގެ މާލީ ބުރައެއް އުފުލަން ޖެހޭނެ އެވެ.
އިންޑިއާއިން ތެލުގެ ޑިއުޓީ ވަރަށް ބޮޑަށް ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ