ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރާދިޔަ އެންމެ ވަރުގަދަ ދެ މާކެޓްގެ ގޮތުގައި ރަޝިއާ އަދި ޗައިނާ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދެ މާކެޓަކީ ޗައިނާ އަދި ރަޝިއާއެވެ.
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 41،092 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 13.2 އިންސައްތަ އިތުރުވުމެކެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 37،067 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 11.9 އިންސައްތަ އިތުރުވުމެކެވެ. ކޮވިޑަށްފަހު ޗައިނާ މާކެޓް ދަށްވިނަމަވެސް، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެޤައުމުން ރާއްޖެއަށް އަންނަ ފްލައިޓްތައް ވަނީ އިތުރުވެފައެވެ. ޗައިނާގެ ޗޮންކިން، ޝަންހައި، ޗެންދޫ، ޒިއާމެން، ކުންމިން އަދި ބެއިޖިންފަދަ ސިޓީތަކުން ކޮންމެ ހަފްތާއަކުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ދުވަސްވީ އެއް މާކެޓެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރަޝިއާ މާކެޓް ފާހަގަކުރެވެނީ، އެންމެގިނައިން ހޭދަކުރާ ފަތުރުވެރިން އަންނަ މާކެޓްގެ ގޮތުގައެވެ.
ޗައިނާ އަދި ރަޝިއާ ފިޔަވައި ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިޓަލީވިލާތުންނެވެ. މީގެ އަހަރުތަކެއް ކުރިން އިތަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވިނަމަވެސް މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑަށް އިތުރުވާން ފަށާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި އެންމެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާަރަތްކޮށްފައިވަނީ އިޓަލީގެ ރައްޔިތެކެވެ. އަހަރުގެ މިހާތަނަށް އިޓަލީން ރާއްޖެއަށް 31،372 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 10 އިންސައްތަ އިތުރުވުމެކެވެ.
މިހިނގާ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 312،343 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 5.6 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ވަރުގަދަ ދެ މާކެޓަކީ ޗައިނާ އަދި ރަޝިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ