ވޯޓު ލާންވާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ ގޮތަކަށް: ފައިސަލް

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލާންވާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ ގޮތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގެ ފޯރި އަންނަނީ ގަދަވަމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ދ. ކުޑަހުވަދޫގައި ހުންނަވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަކީ ދިވެހީންގެ އެތައް ބަޔަކު ވީ ވަރަަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އެކަން ކާމިޔާބުކުރެވުނީ ހަތަރު އަހަރު ވަންދެން މެދު ކެނޑުމެއް ނެތި އެކި ފަރާތްތަކުން ކުރި މިންނެތް މަސައްކަތުންކަން އޭނާ ހަނދާން އާކުރެއްވިއެވެ. އެ ގާނޫނުއަސާސީން ކަށަވަރުކުރި، އަދި މިއަދު މި މުޖުތަމައުން މި ފެންނަ ހައްގުތަކާއި މިނިވަންކަން، ޚާއްސަކޮށް ޒުވާނުން ވޯޓު ދިނުމުގެ ހައްގަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ފައިސަލް ވިދާޅުވިއެވެ. "މިއަދު އެ ހައްގުތަކާއި އަސާސްތަކަށް ބަދަލު ގެންނަމުންދާއިރު، އަޅުގަނޑުމެން އެ ކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ،" މީގެ ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. https://x.com/FaisalNasym/status/2022548302760415467 އެހެންވެ، ފުރުސަތުގެ ބޭނުން ހިފައި ވިސްނުންތެރިކަމާ އެކު ކައުންސިލް އިންތިޚާބުގައި ވޯޓުލާން އޭނާ އެދިވަޑައިގަތެވެ. "ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ، އަދި ރައްޔިތުންގެ ބަސް އިއްވުމާއި ތަރައްގީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދިނުމަށް ގޮވާލަން،" ފައިސަލްގެ ޕޯސްޓުގައިވެއެވެ. އޭނާ ވިދާޅުވީ، އެންމެ މުހިންމީ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނެ ކައުންސިލަރުންތަކެއް ތިބުން ކަމަށެވެ. އަންނަ އޭޕްރީލް މަހު ކައުންސިލް އިންތިޚާބު ބާއްވާއިރު، އިދިކޮޅު އެމްޑީޕީއާއި ސަރުކާރު ހިންގާ ޕީއެންސީން ވެސް އަންނަނީ ވަރަށް ފޯރީގައި އިންތިޚާބަށް ތައްޔާރުވަމުންނެވެ. އިންތިޚާބުގައި ވޯޓުލާން ކުރިން ރެޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު ދެ ދުވަސް ތެރޭގައި ހަމަވާނެއެވެ. އެމްޑީޕީއާއި ޕީއެންސީން ވެސް އަންނަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ