ރަޝިޔާގައި ޔޫޓިއުބާއި ވަޓްސްއެޕް ބްލޮކްކޮށްފި

ރަޝިޔާގެ އިންޓަނެޓް ރެގިއުލޭޓަރު ރޮސްކޮމްނަޑްޒޯއިން އެ ގައުމުގެ ޑީއެންއެސް (ޑޮމެއިން ނޭމް ސިސްޓަމް) ސާވަަރުތަކުން "ޔޫޓިއުބު.ކޮމް" އަދި ވަޓްސްއެޕްގެ ޑޮމެއިންތައް ނަގައި، އެ ޚިދުމަތްތައް ބްލޮކްކޮށްފިއެވެ. މިއާއެކު ވީޕީއެންއެއް ބޭނުން ނުކޮށް ރަޝިޔާގައި ދެން މި ޕްލެޓްފޯމްތަކަށް ސީދާކޮށް ނުވަދެވޭނެއެވެ. މި ބަދަލު ގެނެސްފައިވަނީ ރަޝިޔާގެ "ސޮވަރިން އިންޓަނެޓް ލޯ"ގެ ދަށުން ގާއިމުކޮށްފައިވާ ނެޝަނަލް ޑޮމެއިން ނޭމް ސިސްޓަމް (އެންޑީއެންއެސް) މެދުވެރިކޮށެވެ. މާހިރުން ބުނާ ގޮތުގައި، ރަޝިޔާގެ މުވާސަލާތީ ކުންފުނިތަކަށް މިހާރު މަޖުބޫރުވަނީ ބައިނަލްއަގުވާމީ ޑޮމެއިން ރަޖިސްޓްރާތަކުގެ ބަދަލުގައި، ސަރުކާރުން ކޮންޓްރޯލްކުރާ މި ނިޒާމު ބޭނުންކުރާށެވެ. މީގެ ސަބަބުން ވަކިވަކި ވެބްސައިޓްތަކަށް ވަނުން މަނާކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބެއެވެ. މި ނިޒާމުގެ ތެރެއިން ޔޫޓިއުބާއި ވަޓްސްއެޕްގެ އިތުރުން ފޭސްބުކް، އިންސްޓަގްރާމް، ބީބީސީ، އަދި ޑީޑަބްލިއު ފަދަ 13 ޑޮމެއިނެއް ވަނީ ދާދި ފަހުން ބްލޮކްކޮށްފައެވެ. މީގެ އިތުރުން، ރަޝިޔާ ސަރުކާރުން ދަނީ ޓެލެގްރާމް އެޕްލިކޭޝަނާ ދެކޮޅަށް ވެސް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި ޔޫޓިއުބް ފަދަ ތަންތަން ބްލޮކްކުރީ، ޓެލެގްރާމް ހުއްޓުވުމަށްޓަކައި ރެގިއުލޭޓަރުގެ ރިސޯސްތައް ހުސްކުރުމުގެ ބޭނުމުގައެވެ. ޑީޑަބްލިއުއިން ކުރިއަށްގެންދިޔަ ސާވޭއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 46 އިންސައްތަ މީހުން ބުނެފައިވަނީ ރަޝިޔާގައި ޔޫޓިއުބް ބޭނުންކުރަނީ ވީޕީއެން މެދުވެރިކޮށް ކަމަށެވެ. އަދި، ވީޕީއެން ބޭނުންކުރި ނަމަވެސް އިންޓަނެޓްގެ ސްޕީޑް ލަސްވުމާއި ކަނެކްޝަން ކެނޑުމުގެ މައްސަލަތައް ދިމާވާކަމަށް ގިނަ ބަޔަކު ރިޕޯޓުކޮށްފައިވެއެވެ. ރަޝިޔާގައި ވީޕީއެން ބޭނުންކުރުމާއި އިންޓަނެޓުން "ހަރުކަށި މައުލޫމާތު" ހޯދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ ކަންކަމަށް 5،000 ރުބެލް (ގާތްގަނޑަކަށް 65 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ ގާނޫނެއް މިދިޔަ އަހަރުން ފެށިގެން އެ ގައުމުގައި ދަނީ ތަންފީޒުކުރަމުންނެވެ. މާހިރުން އިންޒާރުދޭ ގޮތުގައި ހަމައެކަނި ސަރުކާރުގެ ޑީއެންއެސް ބޭނުންކުރަން ޖެހުމުން، އައިޕީ އެޑްރެސްތައް އޮޅުވާލައި، އަސްލު ވެބްސައިޓްތަކުގެ ބަދަލުގައި ފޭކް ސައިޓްތަކަށް ޔޫޒަރުން ގެންދިއުމުގެ ފުރުސަތު އޮވެއެވެ. މި ކަމާ ގުޅޭގޮތުން އިންޓަނެޓް ސެންސާޝިޕް މާހިރެއް ކަމަށްވާ މައިކަލް ކްލިމަރެވް ވިދާޅުވީ، މިހާރު ކަންތައް ވަމުންދާ ގޮތަށް ބަލާއިރު، ކުރިމަގުގައި ރަޝިޔާގައި އޮންނާނީ ދުނިޔޭގެ އެހެން ގައުމުތަކާ ވަކިވެފައިވާ، އަދި އިތުބާރު ނުކުރެވޭ ވަކި އިންޓަނެޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ