މިއީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެމްޑީޕީން އެންމެ ގިނަ ގޮނޑި ނަގާނެ ފަހަރު: ރައީސް ޞާލިޙް

މިއީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި އެމްޑީޕީން ނަގާނެ ފަހަރު ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
އެމްޑީޕީގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓު ލުމަށްފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާަޅުވީ، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް، އެމްޑީޕީއަށް ސަރުކާރުން ދަތިތަކެއް ކުރިމަތި ކުރުވާ ކަމަށެވެ. 
އެހެންނަމަވެސް އަޅުގަނޑަށް ވަރަށްބޮޑު އުއްމީދެއް އެބަ އޮތް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި އެމްޑީޕީން ނަގާ ފަހަރަކަށް މިފަހަރު ވާނެ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ގައުމު ހަމަ މަގަަށް އެޅުވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ، ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ބައެއް ކައުންސިލް ތަކަށް ދޫކުރަންޖެހޭ ކަމަށާ، އެ ފައިސާއިން ރަށްތަކުގެ ތަރައްގީއަށް ކަންކަން ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބި، ރަށްތަކުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
”އެހެންވީމާ އަދިވެސް ކުރަންވީ ކަމަކީ ބާރުތައް ދޫކޮށްލުން. ބާރުތައް ދޫކޮށްލާފައި މާލީ ތަނަވަސްކަން ލިބޭނެ ގޮތްތައް ހަދަންވީ. އޭރުން ރަށްތަކަށް މިއަށްވުރެ އަވަހަށް ތަރައްގީ އަންނާނެ“ ރައީސް ޞާލިޙް ވިދާޅުވިއެވެ. 
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން އޮތް ނަމަވެސް، އެޕާޓީއާ އަލަށް ގުޅުނު ފަރާތްތަކާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް އިންތިޚާބަށްފަހު ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ