ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުން 6-1 އިން ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.
ބެންކޮކް/ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފްގެ އަންހެން އަދި ފިރިހެން ފުރަތަމަ ފުޓްސަލް މުބާރާތުގައި މިހާތަނަށް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމެވެ. ފުރަތަމަ މެޗުގައި، 7-1 އިން ޕާކިސްތާން އަތުން މޮޅުވި ރާއްޖެ މިއަދު ވަނީ ބަންގްލަދޭޝް އަތުން ވެސް މޮޅުވެފަ އެވެ.
ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ރާއްޖެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ނޭޕާލާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލުން އެއް މެޗުން ތިން ޕޮއިންޓް ހޯދިއިރު، ޕާކިސްތާން ވަނީ ދެ މެޗު ކުޅެފަ އެވެ.
ބާކީ ދެން އޮތް އިންޑިއާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. މީގެ ތެރެއިން އިންޑިއާ އިން ކުޅެފައިވަނީ އެއް މެޗެވެ.
ފުރަތަމަ މެޗު، ނޮންތަބުރީ ސްޓޭޑިއަމްގެ އިންޑޯ ހޯލުގައި ކުޅުނުއިރު، މިއަދުގެ މެޗު ކުޅެފައިވަނީ، ހުއަ މަކް އިންޑޯ ސްޓޭޑިއަމްގަ އެވެ. މެޗު ފަށައިގެން މިނިޓެއްގެ ތެރޭގައި، ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ވަނީ ކިކްއިން އަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާބޭރުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އެޓޭކަށް ދިޔަ ބޯޅައެއްގައި، އިޝާން އިބްރާހިމް (ސައްޓު) ވަނީ އޭރިއާތެރެއިން ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ރާއްޖޭން ތިން ވަނަ ލަނޑު ޖެހީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. އެޓޭކުގައި ރަނގަޅު ތަނަށް އަރައި، ރާއްކޮ އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި އެވެ. އަދި، އެޓޭކިން ރަނގަޅު ކުޅުން ދަމަހައްޓައި، އަލީ ޝިޔާހު (ޝިޔަޅޭ) ވަނީ ޕެނަލްޓީ އަކުން ރާއްޖޭގެ ހަަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ޝިޔަޅޭ ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް، ބަންގްލަދޭޝްގެ މުސްތަފާ ޗޯދަރީ އަތްލުުމުން ދިން ޕެނަލްޓީ އެކެވެ. އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ބަންގްލަދޭޝްގެ ކާޒީ އިބްރާހިމް ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި ބަންގްލަދޭޝް އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެެވެ. އަދި، ބަދަލަކަށް ކުޅެން އަރައި، ރާއްޖޭގެ ކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް) ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
އެޓޭކުގައި ރާއްޖޭގެ އަލީ ހައިޝަމް (ޗުމްޕު) އާއި ހުޒައިފަތު ރަޝީދު (ހުޒޭ) ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ރާއްޖެ އަށް މި ހާފުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ރާއްކޮ އެވެ. އިންމި ކުރި އެޓޭކެއްގައި އޭރިއާތެރެއިން ރާއްކޮ އަށް ލިބުނު ބޯޅަ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ރާއްޖޭގެ ފަހު ގޯލު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޕަވަޕްލޭގައި ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެނިކޮށް ޝާއްޕެ މި ލަނޑު ޖެހީ އަމިއްލަ ހާފުގައި ހުރެފައި ތިރިތިރިން ގޯލަށް ފޮނުވާލައިގެންނެވެ.
ރާއްޖެ އަށް ދެން އޮތީ އަންނަ ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެެެވެ. އެ އަށް ފަހު ދެން އޮންނާނީ ސްރީ ލަންކާ އާއި ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ބަންގްލަދޭޝް ވެސް ބަލިކޮށް ރާއްޖޭން އެއް ވަނައިގައި ލީޑުނަގައިފި ބަންގްލަދޭޝް ވެސް ބަލިކޮށް ރާއްޖޭން އެއް ވަނައިގައި ލީޑުނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ