ކުރިއަށް އޮތް ކައުންސިލް އިންތިހާބު ވެގެންދާނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ އިންތިހާބަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްގެންދާ ޕްރައިމަރީގައި ވޯޓުލެއްވުމަށް ފަހު ސޯލިހު ވަނީ ނޫސްވެރިންނާ ވާހަކަފުޅުދައްކަވައިފަ އެވެ. ނޫސްވެރިން އެމަނިކުފާނާ ކުރި އެއް ސުވާލަކީ، އެމްޑީޕީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ކިހާ އުންމީދެއް އެބަ އޮތްތޯ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންނަށް އެބަހުރި ސަރުކާރުން ކުރިމަތިކުރުވާ ދަތިތައް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި ނަގާ ފަހަރަކަށް މި ފަހަރު އެމްޑީޕީ ވެގެންދާނެ،" އެ ސުވާލަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީން ކޮންމެ ނަތީޖާއެއް އަޔަސް، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ އޭގެ އަނެއް ގޮތް ކުރިމަތިވީމަ [ޕާޓީ ބައިބައިވެގެން ދިޔުމުުގެ ސަބަބުން]، ވަރަށް ދެރަ ގޮތް ކުރިމަތިވެފައި. އެހެންވީމަ އެހެން ނުވާނެ ގޮތަށް ޕާޓީގެ ހުރިހާ މެންބަރުންނާއި ޕާޓީގެ ލީޑާޝިޕް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ޕާޓީ ދެބައިވެ، ނިމިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވި އެވެ.
އޭގެ އިތުރުން ސޯލިހު ވިދާޅުވީ:
ރައިސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދު ކުރާ ސަރުކާރެއް ނޫން؛ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުން ހޮވަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ
ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަަށް ދީފައިވާ ބާރުތައް ހަނިކޮށް، ސަރުކާރަށް ބާރުތައް ޖަމާކުރަން އެތައް ބަދަލެއް މި ސަރުކާރުން ގެނެސްފި
ބާރުތައް ދޫކޮށްލައިގެން ވެރިކަން ކުރަން މި ސަރުކާރަކަށް ނޭނގޭ؛ ރައްޔިތުންނަށް އެ ބާރުތައް އަލުން ދިނުމަށް އަނެއްކާވެސް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖެއަށް ތަރައްގީ އަދިވެސް ގެނެވޭނީ ބާރުތައް ދޫކޮށްލައިގެން. [އެމަނިކުފާނުގެ ސަރުކާރުގައި] ކައުންސިލްތަކަށް ލިބުނު ބާރާއި މާލީ ތަނަވަސްކަމާއެކު ވަރަށް ގިނަ ކަންކަން ކައުންސިލްތަކުން ކޮށްފައި އޮތްތަން އަޅުގަނޑު މިފަހުން ރަށްތަކަށް ކުރި ދަތުރުތަކުން ވެސް ފެނިއްޖެ. އެހެންވީމަ އަދިވެސް ކުރަންވީ ކަމަކީ ބާރުތައް ދޫކޮށްލުން،" ސޯލިހު އިތުރަށް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - މިއަދު މެންދުރު 2:30ގައި ފަށައިގެން މިރޭ 8ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާ މި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް އޮތީ މާލޭ މޭޔަރުކަމުގެ ޓިކެޓެވެ. އެ މަގާމަށް ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.
ޕްރައިމަރީގެ ވޯޓަށް ފަހު، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ސޯލިހް ބާރުއެޅުއްވިއިރު، އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ދުވަހަކަށް ފަހު، މިދިޔަ މަހު ރަސްމީކޮށް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުން ބޭއްވީ ދެ ރައީސުންގެ ހިޔާލުތައް އެއްގޮތް ކުރުމަށް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.
އިދިކޮޅުގައި އޮވެ އެންމެ ގިނަ ގޮނޑި އެމްޑީޕީން މިފަހަރު ނަގާނެ؛ އުންމީދަކީ ބައިބައިނުވުން: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ