އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް ޗާގޯސްގެ ރަށްވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން އުޅުނު އިންސާނީ އެހީގެ ދަތުރަށް އިނގިރޭސި ސަރުކާރުން ރާއްޖެ މެދުވެރިކޮށް ހުރަސްއަޅާފައިވާ ކަމަށް އޭނާ ކުރެއްވި ތުހުމަތު ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަރާޖް މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގަތީ، ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ޗާގޯސްގެ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށެވެ. މި ތަކެތި ހިފައިގެން ދަތުރުކުރާ ބޯޓު ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 300 މޭލު ބޭރުގައި އޮންނަ އެ ރަށަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަރާޖް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން އޮތް ނަމަވެސް، ފަރާޖް ދަ ޓެލެގްރާފް ނޫހަށް ވިދާޅުވީ އޭނާ ޗާގޯސްއަށް ވަޑައިގަތުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާކަން ރާއްޖޭގެ ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
ތަފްސީލް - ނަމަވެސް، ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ދިވެހި ސަރުކާރުން އެ ދަތުރަށް އެއްވެސް ކަހަލަ ހުރަހެއް އަޅާފައި ނުވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ - ޗާގޯސްގެ ރަށްތަކުން 1960 އަދި 1970ގެ އަހަރުތަކުގައި އެ ތަނުގެ ރަށްވެހިން މަޖުބޫރުން ބޭރުކުރީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހެދުމަށެވެ. މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ރާއްޖެއިން އެކަމާ ދެކޮޅު ހަދައި އެ ސަރަހައްދަކީ ރާއްޖޭގެ މިލްކުވެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ.
ފަރާޖުގެ ޗާގޯސް ދަތުރަށް ހުރަހެއްް ނާޅަން: ދިވެހި ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ