ދިރާގުޕޭ މެދުވެރިކޮށް މީލްޕެކް ދިނުމާއި އާއިލާއަކަށް އެހީތެރިވުމުގެ ފުރުސަތު

މި ރަމަޟާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ޚާއްސަ ދެ ހަރަކާތެއް ފަށައިފިއެވެ. ދިރާގުން މިހާރު ވަނީ، ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ކުންފުނިން ބުނިގޮތުގައި "މީލް ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަށް ހަދިޔާކޮށްފައެވެ. އަދި ދިރާގުޕޭ ބޭނުންކުރާ މީހުންނަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން، އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއާ ބާސްކެޓް ފޯރުކޮށްދީފައެވެ. މި ކެއާ ބާސްކެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް ކަމަށް ދިރާގުން ބުންޏެވެ. މި ކެއާ ބާސްކެޓްގައި ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެއެވެ. މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ކެއާ ބާސްކެޓެއް 1،200 ރުފިޔާއަށް ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް ހަދިޔާ ކުރުމުގެ ފުރުސަތު ދިރާގުޕޭ މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުޕޭ އެޕްލިކޭޝަނުގެ ‘ފީޗާޑް ސާވިސްއަށް’ ފިތާލުމުން، ޑޮނޭޓް ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ކަސްޓަމަރުން ޑޮނޭޓްކުރާ އަދަދުތައް ސީދާ އެ ޖަމިއްޔާތަކުގެ އެކައުންޓަށް ޖަމާ ވާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުޕޭގެ މައިގަނޑު މަގުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހު، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ