އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ޑިރެކްޓަރެއްގެ މަގާމު އަދާ ކުރެއްވި ރިފްއަތު އަބްދުﷲ އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އީސީގެ މެންބަރުކަމުގެ މަގާމު މިދިޔަ ހޮނިހިރު ދުވަހު ހުސްވީ ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ. އަދި އެ މަގާމަށް ރިފްއަތު އައްޔަން ކުރަން މިދިޔަ ހަފްތާ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ރުހުން ދީފަ އެވެ.
ތަފްސީލު - މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ މަގާމުގެ ހުވާ ކުރައްވައި ހުވާގެ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. މަގާމުގެ ފަތްކޮޅު އޭނާއާ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ރިފްއަތުއަށް މަޖިލީހުން ލިބިވަޑައިގަތީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި މަގާމަށް ރިފްއަތުއާ އެކު ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ދައުރު ހަމަވި ޒާހިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ރައީސް މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވީ ހަމައެކަނި ރިފްއަތުގެ ނަމެވެ.
އެނގުން މުހިންމު - ރިފްއަތު ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފަ އެެވެ. ރިފްއަތު 2017 އިން 2019އާ ދެމެދު އީސީގެ ލީގަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރެއްވި އެވެ. އަދި އީސީން ވަކިވިއިރު، އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.
އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ