އީސީގެ މެންބަރުކަމަށް ރިފްޢަތު އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް، އެ ކޮމިޝަނުގެ ކުރީގެ ލީގަލް ހެޑް ރިފްޢަތު ޢަބްދުالله މިއަދު އައްޔަންކޮށްފިއެވެ. ރިފްޢަތު އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރިފްޢަތަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ރިފްޢަތު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް އިސްކަންދެއްވި ރިފްޢަތު ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ލީގަލް ހެޑްގެ މަގާމު ފުރުއްވައިފައެވެ. އޭނާ އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރީ ފެބްރުއަރީ 2021އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވި ޑރ. މުޙައްމަދު ޒާހިރުގެ ދައުރު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ