އެސް26 އަލްޓްރާ ނެރުމުގެ ކުރިން ފޮޓޯތަކެއް ލީކްކޮށްލައިފި

ސެމްސަންގް ގެލެކްސީ އެސް 26 އަލްޓްރާ ރަސްމީކޮށް ނެރުމަށް ތައްޔާރުވަމުން ދަނިކޮށް، އެ ފޯނުގެ އަސްލު ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިއާގައި ލީކުކޮށްލައިފިއެވެ. މި ފޮޓޯތައް އާންމުވެފައި މިވަނީ، މި ހަފްތާގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ "ގެލެކްސީ އަންޕެކްޑް 2026" އިވެންޓުގައި ސެމްސަންގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ ގެލެކްސީ އެސް 26، އެސް 26 ޕްލަސް އަދި އެސް 26 އަލްޓްރާ ދައްކާލާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ. މި ފޮޓޯތައް ހިއްސާކޮށްފައިވަނީ ސާހިލް ކަރޯލް ނަމަކަށް ކިޔާ ޔޫޓިއުބަރެކެވެ. އޭނާ ވަނީ ފޯނު ރަސްމީކޮށް ނުނެރެނީސް ގަނެފައިވާ ކަމަށް ބުނެ، ފޯނު އަތަށް ނަގައިގެން ނަގާފައިވާ ފޮޓޯތައް 'އެކްސް'ގައި އާންމުކޮށްފައެވެ. https://x.com/KaroulSahil/status/2025603936603054554 ސާހިލް ހާމަކުރި ގޮތުގައި މި ފޯނު ގަތުމަށް އޭނާ ވަނީ 12،000 ޔޫއޭއީ ދިރުހަމް ހޭދަކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޕަލްގެ އައިފޯން 17 ޕްރޯ މެކްސް އާއި ވީވޯ އެކްސް300 ޕްރޯ އާ މި ފޯނުގެ ސައިޒު އަޅާކިޔާފައެވެ. ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ފޯނު އައިފޯން 17 ޕްރޯ މެކްސް އަށްވުރެ ކުޑަތަންކޮޅެއް ބޮޑުކޮށް ދައްކާއިރު، ފޯނު ފެންނަނީ ހުދު ކުލައިގައެވެ. ފަހަތް ފްލެޓްކޮށް ހަދާފައިވާ މި ފޯނުގެ ފްރޭމް ހަދާފައިވަނީ މެޓަލް އިންނެވެ. ފޯނުގެ ފަހަތުގައި 4 ކެމެރާ އިންއިރު، އޭގެ ތެރެއިން 3 ލެންސް އިންނަނީ "ޕިލް" ނުވަތަ ބޭސް ގުޅައެއްގެ ބައްޓަމަށް އިންނަ ބައެއްގެ ތެރޭގައެވެ. ފާހަގަކޮށްލެވޭ ކަމަކަށް، ފޯނުގެ ފަހަތުގައި ސެމްސަންގެ ލޯގޯއެއް ނުފެނެއެވެ. ފޯނުގެ ޑިޒައިނަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، 'އެސް ޕެން' ނުވަތަ ގަލަން ލައްވާ ތަން ފްރޭމްގެ ކަނަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ ޔޫޓިއުބަރު ބުނާ ގޮތުގައި މި ފަހަރުގެ އެސް ޕެންގައި ބްލޫޓޫތު ކަނެކްޓިވިޓީ ނުހިމެނެއެވެ. މިއީ ތެދެއް ނަމަ، ފޮޓޯ ނެގުމަށް ގަލަން ބޭނުން ކުރުން (ކްލިކް-ޓު-ކެޕްޗާ) ފަދަ ފީޗާތައް މި ފޯނުން ނުލިބޭނެއެވެ. ގެލެކްސީ އެސް 26 އަލްޓްރާ ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި ބާއްވާ އިވެންޓްގައެވެ. މި ފޯނުގައި ބޭނުންކުރާނީ ސެމްސަން ގެލެކްސީއަށް ޚާއްސަ 'ސްނެޕްޑްރެގަން 8 އެލީޓް ޖެން 5' ޗިޕްސެޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ