އިގްތިސޯދަށް ފައިދާވާނެ މަސައްކަތްކުރަން ގެންނަ ސާމާނުން ޑިއުޓީ މައާފުކޮށްދޭ އުސޫލެއް

ހަލާލު ޓޫރިޒަމަށް އިންވެސްޓުކުރާ ފަރާތްތަކުން ރިސޯޓު ތަރައްގީ ކުރުމަށް ގެންނަ ތަކެތި ހިމެނޭގޮތަށް، އިގްތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތްތަކަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ އާއި ރޯޔަލިޓީ އަދި ރެވެނިއު ފީ މައާފުކުރެވޭ ގޮތަށް އުސޫލެއް އެކުލަވާލައި، އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް އަށް ލިބިދޭ އިހުތިޔާރުގެ ދަށުން އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މައާފުކޮށްދެވޭނެ މަސައްކަތްތަކާއި ހާއްސަ ހާލަތްތައް އަދި ވިޔަފާރިތައް ބަޔާންކުރާ އުސޫލާއި މި ފީތައް މައާފުކުރުމުގައި އަމަލުކުރާނެ އިޖުރާތްތައް ބަޔާންކުރާ ގަވައިދު މިއަދު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން އެކުލަވާލާފައިވާ އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މައާފުކޮށްދެވޭނެ މަސައްކަތްތަކާއި ހާއްސަ ހާލަތްތައް އަދި ވިޔަފާރިތައް ބަޔާންކުރާ އުސޫލުގައި ބުނާގޮތުގައި އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ ނުވަތަ އެއިން ބަޔެއް މައާފުކުރުމުގެ އިހުތިޔާރު ރައީސް އަށް ލިބިދެ އެވެ.
އޭގެ ތެރޭ ހިމެނެނީ:
އިގްތިސޯދީ ގޮތުން ރާއްޖެ އަށް ބޭނުންތެރި މަސައްކަތެއް ފެށުމަށާއި މަސައްކަތް ކުރުމަށް އަދި އެ މަސައްކަތް ހިންގުމަށް އެތެރެކުރާ ތަކެތި
ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ވަކި ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ރައްޔިތުންގެ އާންމު ފައިދާ އަށް އެތެރެކުރާ ތަކެތި
އިގްތިސޯދީ ގޮތުން ރާއްޖެ އަށް ބޭނުންތެރި ސްޓްރެޓެޖިކް މަޝްރޫއެއް ނުވަތަ ވިޔަފާރިއެއް ހިންގުމަށް އެތެރެކުރާ ނުވަތަ ރާއްޖެ އިން ބޭރުކުރާ / ރީ-އެކްސްޕޯޓް ކުރާ ތަކެތި
އިގްތިސޯދީގޮތުން ބޭނުންތެރި މަސައްކަތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން އުސޫލުގައި ބުނާގޮތުން ޑިޔުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މައާފުކޮށްދެވޭނީ ކެޕިޓަލް އިކުއިޕްމެންޓުންނާއި ސްޕެއާ ޕާޓްސް އަދި މެޓީރިއަލް އާއި އެހެނިހެން ސަޕްލަައިސް އިންނެވެ.
އިގްތިސޯދީގޮތުން ބޭނުންތެރި މަސައްކަތްތަކަށް އެތެރެކުރާ ތަކެތި ވެސް އުސޫލުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:
ރާއްޖޭގައި މާވަޑާމުގެ ގޮތުގައި އޮޑިދޯނިފަހަރު ބަނުމަށާއި އޮޑިދޯނިފަހަރުގެ އާބާތުރަފިލުވުމަށް ގެންނަ ތަކެތި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދަނޑުވެރިކަމަށް ގެންނަ ތަކެތި
ރާއްޖޭގައި އިމްޕޯޓު މަދުކޮށް އެކްސްޕޯޓް އިތުރުވާނެ ކަމަށް ބެލެވޭ ވިޔަފާރިއާއި އެފަދަ އިގްތިސޯދީ މަސައްކަތްތައް
އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ފަރާތްތަކުން މަސްވެރިކަން ކުރުމަށާޢި މަސްވެރިކަން ތަރައްގީކުރުމަށް ގެންނަ ތަކެތި
ރާއްޖޭގެ އިގްތިސޯދީ މައިގަނޑު މަސައްކަތްތައް ފުޅާކޮށް، ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން ފަހިކޮށްދޭ ވިޔަފާރިއާއި އިގްތިސޯދީ މަސައްކަތްތައް
ރާއްޖެ އަށް ބޭރު ފައިސާ އިތުރުކޮށްދޭ ވިޔަފާރި އާއި އެފަދަ އިގްތިސޯދީ މަސައްކަތްތައް
ރާއްޖޭގައި އާންމުކޮށް ނުކުރާ އިގްތިސޯދީ މަސައްކަތްތަކާއި ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ހިންގާ އިގްތިސޯދީ ހަރަކާތްތައް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމާއި އެކަމަށް މަގުފަހިކޮށްދޭ އިގްތިސޯދީ މަސައްކަތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ނުވަތަ ފޯރުކޮށްދޭ ލޯނެއްގެ ދަށުން ނުވަތަ ގްރާންޓަކުން ކުރިއަށް ގެންދާ މަސައްކަތްތައް
ފަތުރުވެރިކަމުގެ ދާއިރާގައި މުޅިން އަލަށް ފަށާ މަސައްކަތްތަކާއި މިހާރު ގާއިމްކޮށްފައިވާ އިންވެސްޓުމެންޓުތަކުގެ ތެރެއިން އިންވެސްޓުމެންޓުގެ އޮރިޖިނަލް އަގުގެ %25 އަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗާ އާއި މަރާމާތުގެ މަސައްކަތްތައް
މެރިން ފިއުލް ބަންކަރިންގެ ބޭނުމަށް ރާއްޖޭގައި އެކަމަށް ލައިސަންސް ދީފައިވާ ދިވެހި ވިޔަފާރިތަކުން އިމްޕޯޓުކޮށް ރީ އެކްސްޕޯޓް ކުރާ އަދި ފޮރިން ވެސަލްތަކަށް ބަންކާ ފިޔުލްގެ ގޮތުގައި އަޅާ ތެޔޮ
ފަތުރުވެރިކަން ކުރިއަރާފައި ނުވާ އަތޮޅުތަކަށް އެ ސިނާއަތް ފުޅާ ކުރުމަށް ހއ، ހދ، ށ، ތ، ލ. އަދި އައްޑޫ ގައި ރިސޯޓު ތަރައްގީ ކުރުމަށް ގެންނަ ތަކެތި
ހަލާލު ޓޫރިޒަމަށް އިންވެސްޓުކުރާ ފަރާތްތަކުން ރިސޯޓް ތަރައްގީ ކުރުމަށް ގެންނަ ތަކެތި
މި ފީތައް މައާފު ކުރެވޭނެ މިންވަރާއި މުއްދަތު ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އުސޫލުގައި ބުނެފައިވާގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފަރާތަކާ އެކު އެކުލަވާލާ އެއްބަސްވުމެއްގައި، އުސޫލުގެ ދަށުން ފީތައް މައާފުކުރުމާ ގުޅޭ މާއްދާއެއް ހިމެނޭނީ ރައީސް އޮފީހަށް ހުށަހަޅާ، ހުއްދަ ލިބިގެންނެވެ.
އިކޮނޮމިކް މިނިސްޓްތރީ އިން އާންމުކޮށްފައިވާ، މި ފީތައް މައާފުކުރުމުގައި އަމަލުކުރާނެ އިޖުރާތްތައް ބަޔާންކުރާ ގަވައިދުގައި ބުނާގޮތުން ޑިއުޓީ، ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހެޅޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ލޯކަލް ކައުންސިލްތައް އަދި ދައުލަތުގެ އިދާރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ