އެމޭޒަން އަދި އަލީ އެކްސްޕްރެސް ބްލޮކެއް ނުކުރަން: ބީއެމްއެލް

އޮންލައިނުކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވި ނަމަވެސް ދިވެހިން އާއްމުކޮށް މުދާގެންނަ އޮންލައިން ޕްލެޓްފޯމްތައް ބްލޮކް ކޮށްފައި ނުވާނޭކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބީއެމްއެލުން އެމޭޒަން އަދި އަލީ އެކްސްޕްރެސް ބްލޮކް ކުރިކަމުގެ ވާހަކަތަކެއް ފަތުރާފައެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނީ، އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައި ނުވާނޭކަމަށެވެ. އެގޮތުން އެ ސައިޓްތަކުން ބީއެމްއެލް ކާޑު މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ
ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް
މަސައްކަތްކުރުމުން ކަމަށެވެ. އެގޮތުން ޓްރާންސެކްޝަން ރިޖެކްޓްވާ މައިގަނޑު ސަބަބަކީ، އާންމުގޮތެއްގައި ކަސްޓަމަރަށް މަހެއްގެ މައްޗަށް ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވުމުން ކަމަށް ބީއެމްއެލުން ފާހަގަކުރިއެވެ.
އަލީ އެކްސްޕްރެސް އަދި އެމޭޒަން އަކީ ދިވެހިން އެންމެ ގިނައިން މުދާ ގެންނަ ދެ އޮންލައިން ޕްލެޓްފޯމެވެ. ބީއެމްއެލުން ބުނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހިނގާ ފެބުރުއަރީމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް، އެމޭޒަން އަދި އަލީއެކްސްޕްރެސް މެދުވެރިކޮށް 58،000 މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަގުގެ ގޮތުން ބަލާނަމަ އެއީ 2.33 މިލިއަން އެމެރިކާ ޑޮލަރުކަން ބީއެމްއެލުން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލުން ބުނީ އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓްކާޑުތައް ބޭނުންކޮށްގެން ކަސްޓަމަރު ބަޔާންކޮށްފައިވާ މިންވަރަށް ވުރެ ބޮޑެތި އަދަދުތަކުން މުއާމަލާތްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. 
ބީއެމްއެލުން ވަނީ ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތްތެއްކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭއިން މިދިޔަ އަހަރު ވަނީ ބޭރު ފައިސާގެ ގާނޫނެއް ވުޖޫދަށް ގެނެސް އެއަށް އަމަލުކުރަން ފަށާފައެވެ. އެ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ