ރޯދަ މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރެވެ. އެހެންކަމުން މިއީ ކީރިތި ޤުރްއާނުގެ މައްސަރެވެ. މި މައްސަރުގައި ޤުރްއާން ކިޔެވުމަކީ މުހިންމު އަޅުކަމެކެވެ. ހަމައެފަދައިން ޤުރްއާނުގެ މަހުގައި އެފޮތުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އުނގެނި އެއާ މެދު ތަދައްބުރުކުރުމަކީ އަދި މާ ބޮޑު އަޅުކަމެކެވެ. އެއީ ކީރިތި ޤުރްއާނަށް އަމަލުކޮށް އެ މަގުން ހިނގަން ތިމާއަށް ދެވޭ ވަރުގަދަ ތަރުބިއްޔަތެކެވެ.
ﷲގެ ކަލާމްފުޅު އިންތިޒާމްކުރެވިފައިވާ ގޮތަށް ބަލާއިރު އެ ފޮތަށް ލިބިދޭ ސިފަތައް ގިނަ އެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ސޫރަތާއި އާޔަތަށް ބިނާކޮށްގެން އެކަން ކުރެވިދާނެ އެވެ. ސޫރަތާއި އާޔަތަކީ އެފޮތުގެ އެންމެ އަސާސީ ސިފަ އެވެ. ވާހަކައަކީ ވެސް ޤުރްއާނުގެ މުހިންމު ސިފައެކެވެ. ޤުރްއާން އުނގެނުމަށްޓަކައި ފަހަރަކު ވާހަކައެއް އުނގެނި ދަސްކުރެވިދާނެ އެވެ.
ކީރިތި ޤުރްއާނުގެ އަނެއް ސިފައަކީ އެފޮތުގައި ﷲ ހިމަނުއްވާ އެކަލާނގެ ހުވާތަކެވެ. ޤުރްއާން އުނގެނޭ މީހަކަށް ފަހަރަކު ހުވައެއް އުނގެނި ދަސްކުރެވިދާނެ އެވެ.
ޤުރްއާނުގެ އަނެއް ސިފައަކީ މިސާލުތަކެވެ. މިފޮތް އުނގެނުމުގައި ފަހަރަކު މިސާލެއް ވެސް އުނގެނި ދަސްކުރެވިދާނެ އެވެ.
ކީރިތި ޤުރްއާނުގައިވާ ހުރިހާ މިސާލުތައް ފުރިހަމަ ތަސްވީރެއްގެ ގޮތުގައި ބެލިދާނެ އެވެ. ހިތްގައިމު ކޮލާޗް ކުރެހުމަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ކޮލާޗް ފުރިހަމަ ކުރެހުމަކަށް ވަނީ ބައިވަރު ކުދިކުދި އެތިކޮޅުތައް އެކުވެގެންނެވެ. އެގޮތަށް ކީރިތި ޤުރްއާނުގައިވާ ހުރިހާ މިސާލުތައް އެއްކޮށްލުމުން އުފެދެނީ އެފަދަ އަޖައިބުކުރުވަނިވި ފުރިހަމަ ތަސްވީރެކެވެ. މިއިން ކޮންމެ މިސާލެއްގެ މަގުސަދާއި ހިކުމަތަކީ އިންސާނާއަށް ތެދުމަގު ދެއްކުމެވެ. އިންސާނާގެ ބުއްދިއަށް ފަސޭހައިން ނަގައިގަނެވޭނެ ސާފު ސާދާ މިސާލުތަކުން އޭނާއަށް އުނގަންނައިދިނުމެވެ.
މިސާލަކީ ކީރިތި ޤުރްއާނުގެ އަސާސީ ސިފައަކަށް ވާއިރު އެ މިސާލުތަކާ މެދު ވިސްނާފިކުރު ހިންގައި އެ މިސާލުތަކުން ފިލާވަޅު ލިބިގަތުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެކެވެ. ވަކިން ހާއްސަކޮށް ބަރަކާތްތެރި ރޯދަ މަހު ކީރިތި ޤުރްއާނުގެ މުހިންމު ސިފައެއް ދަސްކުރުމަކީ ތިމާގެ ރޫހާނީ ގޮތުން ފައިދާހުރި ކަމެކެވެ.
ކީރިތި ޤުރްއާނުގައި ﷲ ގިނަގުނަ މިސާލު ދެއްވަ އެވެ. އޭގެ ތެރޭގައި ސީދާކޮށް ދެއްވާ މިސާލާއި ނުސީދާކޮށް ދެއްވާ މިސާލު ހިމެނެ އެވެ. ޤުރްއާން ބާވައިލެއްވީ އިންސާނާއަށް ތެދުމަގު ދެއްކެވުމަށެވެ. ތެދުމަގު ދެއްކުމަށް ޤުރްއާން ބޭނުންކުރާ އެއް ވަސީލަތަކީ މިސާލެވެ.
މިއަދު އަޅުގަނޑު މި ފަށާ ސިލްސިލާގެ ބޭނުމަކީ ކީރިތި ޤުރްއާނުގައިވާ މިސާލުތަކުން ބައެއް މިސާލު ކިޔުންތެރިންނަށް ހުށަހެޅުމެވެ.
މިސާލަކީ ކުރެވޭ މުއާމަލާތްތަކުގައި އާންމުކޮށް އިންސާނުން ދައްކާ ނުވަތަ ދޭ އެއްޗެކެވެ. އެކަމަކު ކީރިތި ޤުރްއާނުގައި މިސާލު ބަޔާންކުރައްވާ ބައެއް ތަންތަނުގައި ﷲ އަންގަވަނީ އެކަލާނގެ މިސާލުން ޖައްސަވާ ވާހަކަ އެވެ. މި ނުކުތާއަށް ބަލާއިރު މިސާލުން ޖެއްސެވުމުގެ ހިކުމަތަކީ އެކަން އެހިސާބުން ނިންމުމެވެ. އެއްޗަކަށް މޮހޮރު ޖަހައި މަލަރުކުރުމުން އެ އެއްޗެއް އެގޮތަށް ހަދައި ނިމުނީ އެވެ. އިންސާނާއަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ މިސާލު ޖައްސަވަނީ އެފަދައިންނެވެ. ކޮންމެ މިސާލަކީ އިންސާނާގެ ލާބަ އާއި މަންފާއަށް ﷲ ދެއްވާ އެއްޗެކެވެ. ނަތީޖާއަކީ ﷲ ދެއްވާ ކޮންމެ މިސާލެއް ލާމަސީލު ފިލާވަޅަކަށް ވުމެވެ.
މޮޅު ނުވަތަ ކާމިޔާބު މުދައްރިސުންނަކީ ފަސޭހައިން ދަރިވަރަށް ނަގައިގަނެވޭ ގޮތަށް އުނގަންނައިދޭ މުދައްރިސުންނެވެ. އެފަދަ މުދައްރިސުން އުނގަންނައިދިމުގައި ބޭނުންކުރާ އެއް އުކުޅަކީ ނުވަތަ ހަތިޔާރަކީ ސާފު ސާދާ މިސާލުތައް ދިނުމެވެ. ފިލާވަޅުގައި ޝާމިލުވާ ތިއަރީ ނުވަތަ މަފުހޫމް ބަޔާންކޮށްދިނުމަށް ފަހު ދޭނީ ސާފު މިސާލެވެ. ސާދާ މިސާލުތަކުން ދަރިވަރަށް ފަސޭހައިން އުނގެނި ދަސްވެ އެވެ. ހަރުދަނާ މުދައްރިސްގެ މަގުސަދަކީ ފަހަރެއްގައި ވެސް ދަރިވަރު ހައިރާންކުރުވައި އޭނާގެ މޮޅުކަން ދެއްކުމެއް ނޫނެވެ. އެކަމަކު ދަރިވަރު ހުރި ހިސާބަށް ތިރިވެ ދަރިވަރަށް ފަހުމްވާނޭ ގޮތެއް ބޭނުންކޮށްގެން އުނގަންނައިދިނުމެވެ. ދަރިވަރަށް ކުރިއެރުމާއި ކާމިޔާބު ހޯދެނީ ތިލަ މިސާލުތަކުން އުނގަންނައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުންނެވެ.
ރަޙުމާންވަންތަ ﷲ އިންސާނާއަށް ޤުރްއާން އުނގަންނައިދެއްވި އެވެ. ﷲ އިންސާނާއަށް ޤުރްއާން އުނގަންނައިދެއްވީ އޭނާއަށް ފަސޭހައިން ދޭހަވެ އުނގެނި ދަސްވާނެ ގޮތަށެވެ. އޭނާއަށް ފަސޭހައިން ތެދުމަގަށް ވާސިލުވެވި ﷲގެ އެއްކައުވަންތަކަމުގެ ބޮޑު ހަގީގަތަށް އާދެވޭ ގޮތަށެވެ. އަދި ޝައްކެއްނެތި އޭނާގެ ހިތާއި ނަފުސަށް ﷲގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ވަންނާނެ ގޮތަށެވެ. މިޒަމާނުގެ ބަހުރުވައިން ނަމަ ކީރިތި ޤުރްއާނުގައި ﷲ ލައްވާފައިވަނީ ޒަމާނީ ސައެންސް ބަޔާންކުރާ އުނގަންނައިދިނުމުގެ ފުރިހަމަ ގޮތްތަކެވެ.
ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެމުން ދާއިރު އޭނާ ދޭ ފިލާވަޅު ކިތަންމެ ކުދިންނަކަށް ފަހުމްނުވެ ހިނގައިދާނެ އެވެ. އެފަދަ ހާލަތުގައި ސުވާލުކުރަން ބޭނުންވުމަކީ ދަރިވަރުންގެ ތަބީއަތުގައި ހުންނަ ކަމެކެވެ. އެކަމަކު ކުރަން ބޭނުންވާ ސުވާލާ މެދު އެހެން ދަރިވަރުން ފަހި ނޫން ގޮތަކަށް ދެކިފާނެތީ ލަދުން ސުވާލުކުރަން ކެރެނީ މަދު ދަރިވަރަކަށެވެ. މިއީ އަހަރެމެން އެންމެނަށް ވެސް ވާ ގޮތެކެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮވެ، ކެރޭ މީހަކަށް މެނުވީ ކޮންމެ ތަނެއްގައި ސުވާލު ކުރާކަށް ނުކުރޭނެ އެވެ. އެއީ ތިމާ ފާޅުކުރާ ވާހަކައަށް އަނެކާ ހުކުމްކޮށްފާނެތީ އެވެ. އެހެންވެ އިންސާނާ ލަދުވެތިވަނީ ހުކުމުން އަތުވެދާނެ މަލާމާތާއި ފުރައްސާރައަށެވެ.
ކީރިތި ޤުރްއާނުގެ ދެވަނަ ސޫރަތް ސޫރަތުލް ބަޤަރާގެ 26 ވަނަ އާޔަތުގައި ﷲ ފިސާރި މިސާލެއް ދެއްވަ އެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަނީ މަދިރިއަކުން ނުވަތަ އެއަށް ވުރެ ބޮޑު އެއްޗަކުން މިސާލު ޖައްސަވަން ﷲ ލަދުވެތިވެވޮޑިގެން ނުވާ ވާހަކަ އެވެ. މިއީ، މިސާލަކީ ކޮބައިކަން ބަޔާންކުރައްވަން ﷲ ދެއްކެވި ފުރިހަމަ މިސާލެވެ. ބަޤަރާ ސޫރަތް އަމާޒުކުރެއްވި މީހުންގެ ތެރޭގައި އީމާންނުވި މީހުންނާއި މުނާފިޤުން ހިމެނުނެވެ. އޭގެ ތެރޭގައި ހިމެނުނު އެންމެ މުހިންމު ބަޔަކީ މަދީނާގައި ތިބި ޔަހޫދީ އިލްމުވެރިންނެވެ. މިހާރުގެ ބަހުރުވައިން ނަމަ އެމީހުންނަކީ ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި އުސްތާޒުންނެވެ. އެމީހުން ދުށްގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ޖައްސަވާ މިސާލަކީ ބޮޑު ޖޯކެކެވެ. އެމީހުން ދުށްގޮތުގައި އެފަދަ މިސާލުތައް ދައްކަން ޖެހޭ ވަރަށް ވުރެ އެމީހުންނަކީ މޮޅު މީހުންނެވެ. އިލްމުވެރިކަމާއި ދަރިފަސްކޮޅުގެ ގޮތުން އެމީހުންގެ ކިބައިގައި ހުރި ކިބުރުވެރިކަމުގެ ސަބަބުން އެމީހުން ތެދުމަގުން މަހުރޫމްވި އެވެ.
ކީރިތި ޤުރްއާނާ މެދު އީމާންނުވި މީހުން ކޮންމެ ގޮތަކަށް ދުށްކަމުގައި ވިޔަސް އީމާންވި މީހުންނަށް އެއީ ހައްގު ވަހީގެ ބަސްފުޅެވެ. އީމާންވި މީހުން ދުށްގޮތުގައި އެފޮތުގައިވާ ކޮންމެ މިސާލަކީ ހައްގު މިސާލެކެވެ. އެއީ އެ މިސާލާ މެދު މީހަކަށް ދެބަސްނުވެވޭނެ ފުރިހަމަ ހެއްކެކެވެ. އަދި އެފަދަ ކޮންމެ މިސާލަކުން، އީމާންވި މީހުންގެ އީމާންކަން ބޮޑުވީ އެވެ. މާނަޔައަކީ ﷲ ދެއްވާ ކޮންމެ މިސާލެއްގެ ފަހަތުގައި ބޮޑުވެގެންވާ ފިލާވަޅެއް އޮތުމެވެ. އެ ފިލާވަޅު ހާސިލުކުރަން ކުރަން ޖެހޭ ކަމަކީ އެ މިސާލުތައް އުނގެނި ދަސްކުރުމެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ޤުރްއާނުގައިވާ މިސާލުތަކުން ފިލާވަޅު ލިބިގަތުމަށް ތިމާގެ އީމާންކަން ފުރިހަމަވާން ޖެހޭކަމެވެ.
ﷲ ދެއްވި މި މިސާލުން ލިބޭ އެއް މެސެޖަކީ ﷲ، ކީރިތި ޤުރްއާން ބާވައިލެއްވީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މޮޅުކަން ދައްކަވަން ނޫންކަމެވެ. ﷲ ޖައްސަވާ މިސާލަށް ބަޔަކު މީހުން ކިޔައިފާނެ އެއްޗަކަށް އެކަލާނގެ ޖެހިލުންވެވޮޑިގެންނުވާކަމެވެ. މިއިން އަހަރެމެން މުސްލިމުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ އިސްލާމް ދީނާ މެދު ފަހުރުވެރިވުމެވެ. މުޖުތަމައުގައި އުޅޭ މޮޅު ނުވަތަ ތަހުޒީބު މީހުން ކިޔާފާނެ އެއްޗަކަށް ބަލަންނުޖެހޭކަމެވެ. ބަޔަކު މީހުން ކިޔާފާނެ ނުވަތަ ބުނެފާނެ އެއްޗަކަށް ނުބަލައި އިތުބާރާ އެކު އިސްލާމް ދީން ބަޔާންކޮށްދޭން ޖެހޭ ކަމެވެ. ލަދުވެތިކަމެއް ފަސްޖެހުމެއް ނެތި ދީނުގައި އެންގެވި ގޮތަށް އުޅުމެވެ. ބަޔަކު މީހުން ރުއްސުމަށް އެމީހުން ބޭނުންވާ ގޮތަށް ދީނުގެ އެއްވެސް ކަމެއް ބަދަލުނުކުރުމެވެ.
މީހަކު މިއަދު މަދިރިއާ މެދު ވިސްނާލާއިރު ލިބޭ ފިލާވަޅުތައް ގިނަ އެވެ. ސައެންސްވެރިން ބަޔާންކުރާ ގޮތުގައި އެސޮރު ދުނިޔޭގައި އުޅޭތާ ސަތޭކަ މިލިއަން އަހަރު ވެއްޖެ އެވެ. މަދިރިއާ ބެހޭ ސައެންސްގެ ހަގީގަތްތަކުން މީހަކު އަޖައިބުވާނެ އެވެ. ތަފާސްހިސާބަށް ބަލާއިރު އެސޮރަކީ އެންމެ ގިނައިން އިންސާނުން މަރާ ސޫތްޕެވެ. މެލޭރިއާ އާއި ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތަކުގައި އަހަރަކު ހަތް ލައްކަ މީހުން މަރުވެ އެވެ. ބައެއް ގަސްގަހާގެހިން ލިބިދޭ ބާވަތްތައް ދަރިމައިވުމުގައި ނުވަތަ ޕޮލިނޭޝަންގައި މަދިރީގެ ދައުރެއްވެ އެވެ. މިއިން އަންގައިދެނީ މި ދުނިޔޭގެ ހަޔާތުގައި، ކުޑަކުޑަ އެއްޗެއްގެ ގޮތުގައި އިންސާނާއަށް ފެންނަ މަދިރީގެ ދައުރުގެ ބޮޑުކަމެވެ. އަދި ހަގީގަތުގައި ﷲ ދައްކަވާ މިސާލުގެ ބޮޑުކަމާއި އެ މިސާލުގެ ފުރިހަމަކަމެވެ.
މައުލޫމާތު މަސްދަރު: މުފައްސިރު ނުޢުމާން ޢަލީ ޚާން
ފަޔާޒަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.
ޤުރުއާނާއި މިސާލު: މަދިރީގެ މިސާލާ މެދު ވިސްނާލިޔަސް އަޖައިބުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ