ނޫސްވެރިއެއްގެ ފޯނު "ޕްރެޑޭޓާ" ސްޕައިވެއާ ބޭނުންކޮށްގެން ހެކްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ "އިންޓެލެކްސާ" ކުންފުނީގެ "ޕްރެޑޭޓާ" ސްޕައިވެއާ ބޭނުންކޮށްގެން، އަންގޯލާގެ މަޝްހޫރު ނޫސްވެރިއެއްގެ އައިފޯން ހެކްކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފިއެވެ. މިއީ ސަރުކާރުތަކަށް ޖާސޫސީ ސޮފްޓްވެއާ ވިއްކާ ކުންފުނިތަކުގެ އެހީގައި، މަދަނީ ޖަމިއްޔާތަކުގެ އިސްވެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ފެންމަތިވި މައްސަލައެވެ. އެމްނެސްޓީން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މި ހަމަލާ އަމާޒުކޮށްފައިވަނީ އަންގޯލާގެ ނޫސްވެރިއެއް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ޓެއިޒެއިރާ ކަންޑީޑޯއަށެވެ. https://sun.mv/214277 2024 ވަނަ އަހަރުގެ ތެރޭގައި ވަޓްސްއަޕް މެދުވެރިކޮށް އޭނާއަށް ފޮނުވި ނުރައްކާތެރި ލިންކުތަކެއްގެ ތެރެއިން ލިންކަކަށް ފިތާލުމާއެކު، އޭނާގެ ފޯނަށް މި ސްޕައިވެއާ ވަނީ ފޮނުވާލާފައެވެ. ސްޕައިވެއާ މަސައްކަތްކުރާ ގޮތް އެމްނެސްޓީގެ ދިރާސާވެރިން ބުނި ގޮތުގައި، "ޕްރެޑޭޓާ" ސްޕައިވެއާ ފަރުމާކޮށްފައިވަނީ އައިފޯނުގެ ސިސްޓަމްގެ އަސްލު ފައިލްތަކެއްގެ ގޮތުގައި ސިފަވާނެހެން، ފަސޭހައިން ނުފެންނާނެ ގޮތަށެވެ. ނޫސްވެރިޔާ 'ކަންޑީޑޯ'ގެ ފޯނު ހެކްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ފޯނު ރީބޫޓް ކޮށްލުމުން، ފޯނުން މި ސްޕައިވެއާ ވަނީ ފޮހެވިގެން ގޮސްފައެވެ. މި ހަމަލާ ދިނީ ސީދާ ކޮން ފަރާތަކުން ކަން ކަށަވަރު ނުވި ނަމަވެސް، މިއީ އިންޓެލެކްސާގެ ކަސްޓަމަރެއްގެ ގޮތުގައި އުޅޭ ސަރުކާރަކުން ދީފައިވާ ހަމަލާއެއް ކަމަށް އެމްނެސްޓީން ތުހުމަތު ކުރެއެވެ. އަންގޯލާގައި 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މި ސްޕައިވެއާގެ ޓެސްޓުތައް ކުރިއަށްދާ ކަމުގެ ހެކި ފެނިފައިވާތީ، ކަންޑީޑޯގެ އިތުރުން އެ ގައުމުގެ އެހެން ގިނަ ބަޔަކަށް ވެސް މި ހަމަލާ އަމާޒުވެފައިވުން އެކަށީގެންވާ ކަމަށް ރިޕޯޓުގައިވެއެވެ. އިންޓެލެކްސާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނުތަކުން ރެކިގެން ޖާސޫސީ ސޮފްޓްވެއާ ވިއްކާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. މީގެ ކުރިން މިސްރު، ގްރީސް، ވިއެޓްނާމް އަދި ޕާކިސްތާނުގައި ވެސް މި ސްޕައިވެއާ ބޭނުންކޮށްގެން ނޫސްވެރިންނާއި ސިޔާސީ މީހުންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަން ވަނީ ހާމަވެފައެވެ. މިދިޔަ އަހަރު އެމެރިކާގެ ބައިޑަން ސަރުކާރުން ވަނީ އިންޓެލެކްސާ އާއި އެ ކުންފުނީގެ ބާނީ ތަލް ދިލިއަން އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް، މިފަދަ ފިޔަވަޅުތަކާއެކު ވެސް އެ ކުންފުނީގެ ވިޔަފާރި އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން މި އާ ރިޕޯޓުން ހާމަވެއެވެ. އެމްނެސްޓީގެ ސެކިއުރިޓީ ލެބްގެ އިސްވެރިޔާ ޑޮންޗާ އޯ ސިއާބައިލް ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ފެންމަތިވާ މައްސަލައެއްގެ ފަހަތުގައި، ހާމަނުވެ ސިއްރުގައި ހިނގާ އެތައް ހަމަލާތަކެއް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ