ތުލުސްދޫ އަންހެން ކެންޑިޑޭޓުގެ ކެންޑިޑެންސީ ބަލައިގަންނަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެންޑިޑޭސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. އެއީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލަ އަދި ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. އަބްދުލްމަޖީދަކީ ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ހުށަހެޅި މީހެކެވެ. މި ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ސޫޒަން މައްސަލައިގައި ސުޕްރީމް ކޯޓުންވަނީ އޭނާގެ ކެންޑިޑޭސީ ބަލައިގަންނަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ. ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައި އޮތީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިން ފާހަގަ ކުރެވުނު ގޮތުގައި ތުލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާއިރު، އޭގެ ރެކޯޑް ފިނޭންސް މިނިސްޓްރީއަކު ނެތެވެ. އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުވީ ހުކުމުގައި ވެއެވެ. އެހެންވެ، ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ސޫޒަންގެ މައްސަލަ ބެލީ ފަނޑިޔާރު އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިންއެވެ. ސޫޒަންގެ މައްސަލަ އޭނާ ކާމިޔާބުކުރިނަމަވެސް، ސުޕްރީމް ކޯޓަށް ހުށަހެޅި އަނެއް މައްސަލަ ކަމަށްވާ އަބްދުލްމަޖީދުގެ މައްސަލަ އެ ކޯޓުން ނިންމީ ނުބަލާށެވެ. އަބްދުލްމަޖީދުގެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ކޮމިޝަނުން ނިންމާފައި އޮތީ ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ. މި މައްސަލަ ބެލީ ފަނޑިޔާރު ހުސެއިން ޝަހީދު، އައިޝާ ޝުޖޫން މުހައްމަދު އަދި މުހައްމަދު ސަލީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ