ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައި ޤަވާއިދު އާންމުކޮށްފިއެވެ.
ޖޭއެސްސީއަކީ އުއްތަމަ ފަނޑިޔާރާއ،ި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައިި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ޒިންމާ ޤާނޫނުން ހަވާލުކޮށްފައިވާ ކޮމިޝަނެވެ.
ޖޭއެސްސީން މީގެ ކުރިން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ބައި ހިމަނާފައިނުވެއެވެ. ނަމަވެސް އެއީ އެ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އިސް ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ބައި ހިމަނައި ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.
"ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގައި އިސް ފަނޑިޔާރުކަމަށް އައްޔަންކުރަންވާނީ އެ ފަރާތެއްގެ ތަޢުލީމާއި ތަޖުރިބާ އާއި އަޚްލާހާއި ގާބިލުކަމުގެ އިތުރުން އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށނެ ފަރާތްތޯ ބެލުމަށްފަހު ޖޭއެސްސީގެ މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މި ޤަވާއިދުގައި އިސްފަނޑިޔާރުގެ މަގާމަށް ހުޅުވާލުމާއި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު މަރުހަލާގައި މެންބަރުން އަމަލުކުރަންޖެހޭގޮތުގެ ތަފްސީލުވެސް ވަނީ ހިމަނައިފައެވެ.
މި ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެ ކޯޓެއްގެ އިސް ފަނޑިޔާރު ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހާލަތެއްގައި އެ މަޤާމުން ފަނޑިޔާރު ވަކިކުރުމުގެ ބާރު ކޮމިޝަނަށް ލިބޭނެއެވެ. މީގެ ކުރިން ގަވާއިދުގައި މިބައި ހިމަނާފައިނުވާތީ ކޮމިޝަނުން އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ފިޔަވަޅުތައް އަޅައެވެ.
އިސް ފަނޑިޔާރުންގެ ގޮތުގައި ހިމެނޭނީ ރާއްޖޭގެ ހައި ކޯޓަށް އައްޔަން ކުރާ އިސް ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ އިސް ޤާޟީންނާއި ކުޑީޝަލް ދާއިރާތަކަށް އައްޔަން ކުރާ އިސް މެޖިސްޓްރޭޓުންނެވެ.
ޖޭއެސްސީއަށް އިސް ފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައި ޤަވާއިދު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ