ޖަލުގެ ބިރު އޮތަސް އަންނަ ޑިސެމްބަރުގައި ގައުމަށް އެނބުރި ދާނަން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވުމާއި ހައްޔަރުކޮށްފާނެ ކަމުގެ ބިރު ބޮޑުވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަތުމަށް އޭނާ ނިންމަވައިފައިވާކަން އިއުލާންކުރައްވައިފިއެވެ.
ގައުމަށް އެނބުރި ދިއުމުން ހައްޔަރުކޮށް ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ނަމަވެސް، އަމިއްލަ ފަސްގަނޑުގައި މަރުވުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެ، ހަސީނާ ވަނީ ގައުމަށް ދިއުމުގެ އަޒުމް ވަރުގަދަކުރައްވައިފައެވެ.
ނަމަވެސް، ބަންގްލަދޭޝްގެ މިހާރުގެ ވަގުތީ ސަރުކާރުން ވަނީ ހަސީނާގެ މި ނިންމެވުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އެގައުމުގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، ލޭއޮހޮރުވުން ބޮޑު މަރުތަކާއި ގަތުލުއާންމު ހިންގުމަށް ފަހު ވެސް ހަސީނާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށާއި، އަވާމީ ލީގަކީ ސިޔާސީ ގޮތުން ނެތިގޮސް ދިއްލީގައި ވަޅުލެވިފައިވާ ޕާޓީއެއް ކަމަށެވެ.
ޝަރުއީ ހުކުމްތަކުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަނުކުރެވުނު ނަމަވެސް، ޕާޓީގެ މުސްތަގުބަލާ މެދު ގޮތް ނިންމަންޖެހޭނީ ރައްޔިތުން ކަމަށް ހަސީނާ ގަބޫލުކުރައްވައެވެ.
އޭނާ ގައުމުން ފިއްލެވި ފަހުން އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާތީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް، އޭނާ އެނބުރި ގައުމަށް ވަޑައިގަތުމުން ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭއިރު، އޭނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަންގްލަދޭޝްއިން އެދިފައިވާ އެދުމަށް އިންޑިއާ ސަރުކާރުން އަދިވެސް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ބަންގްލަދޭޝްގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޝެއިހް ހަސީނާގެ ބާރުގަދަ ސަރުކާރު ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އެގައުމުގެ ސަރުކާރު ވަޒީފާތަކަށް ކަނޑައަޅާފައިވާ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެ، މަސްރަހު ކޮންޓްރޯލުން ނެއްޓުމުން، އޯގަސްޓް 5 ގައި ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަސްކަރީ ހެލިކޮޕްޓަރެއްގައި އަވަށްޓެރި އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަންނަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ