ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ބަލަނީ

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސްލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަން ނިންމާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަ އަކާއި ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި އެ ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށް ޖޭއެސްސީއިން ބުނެއެވެ. ފަނޑިޔާރު އަލީ އާދަމްގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ފަސް ވަނަ ޖަލްސާގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ. ޖޭއެސްސީން އިއްޔެ ވެސް ވަނީ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. މިހާރު އެކުލަވާލާފައިވާ ޖޭއެސްސީއިން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ